ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ ކުރީގެ ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތިނުލެއްވޭނެކަން ޔަޤީންކޮށް އެޓިކެޓް ހޯއްދެވުމުގެ މަސައްކަތް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިފިއެވެ.
ޕީޕީއެމްގެ ސެނެޓްގައި ހިމެނޭ މެމްބަރަކު މިނިވަން ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕާޓީގެ ހުރިހާ މެމްބަރުންވެސް އެދެނޭ ރައީސް ޔާމީން އިންތިހާބުގައި ވާދަކުރުން ކަމަށާއި ނަމަވެސް އެމަނިކުފާނަށް އެ ފުރުޞަތު މިހާރު އޮތް ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ ރިޔާސީ އިންތިހާބަށް އެންމެ ފަސް މަހަށް ވެފައިވާއިރު އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ނިމިދާނެ ކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ޕާޓީގެ ރިޔާސީ ޓިކެޓް ދޫކޮށްލުމަކީ ރައީސް ޔާމީނަށް ކުޅަދާނަކަމެއް ނޫންކަމެއް ކަމަށާއި އެ ޓިކެޓާ ދިމާލަށް ބަލާލި މީހަކުވެސް ޕާޓީން ބޭރުކުރުމުގެ ވިސްނުން ރައީސް ޔާމީން ގެންގުޅުއްވާކަމަށް ސެނެޓްގެ މެމްބަރު ވިދާޅުވިއެވެ. އެހެން ކަމުން ޓިކެޓްގެ ވާހަކަ ފާޅުގައި ދައްކަވަން އެއްވެސް މީހަކަށް ނުކެރެއެވެ.
އެހެންނަމަވެސް ސިއްރިއްޔާތުގައި މި ޓިކެޓް ހޯއްދެމުމުގެ މަސައްކަތް ޑރ. މުއިއްޒު މިހާރު ވަނީ ފައްޓަވާފައިވާފައެވެ. މިގޮތުން ކުރިއަށް ވުރެ ބޮޑަށް ސިޓީކައުންސިލްގެ ހަރަކާތްތައް ފުޅާކޮށް މީޑިއާއާއި ސޯޝަލް މީޑިއާގައި ޑރ. މުއިއްޒުގެ ހަރަކާތްތެރިކަން އިތުވެ ކެމްޕެއިން ފައްޓަވާފައިވާ ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. ޓިކްޓޮކްގައި ޑރ. މުއިއްޒުގެ ނަމުގައި ހުޅުވާފައިވާ އައިޑީންވެސް މިކަން އެެނގިގެން ދެއެވެ.

ކޮންމެއަކަސް މުއިއްޒުއަށް ތާއީދުކޮށް ސިއްރިއްޔާތުގައި ކެމްޕެއިން ކުރަމުންދިޔަ ކައުންސިލަރެއްގެ މައްސަލަ ޕީޕީއެމުގެ ސުލޫކީ ކޮމެޓީން ބަލަން ފެށުމާއެކު އޭނާ ވަނީ ޕާޓީން އަމިއްލައަށް ވަކިވެފައެވެ. އޭނާގެ މައްސަލަ ބަލަން ފެށީ ސީދާ ރައީސް ޔާމީން އަންގަވައިގެން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޕީޕީއެމުންވެސް އަދި މައްސަލަ ބަލަނިކޮށް ވަކިވި ކައުންސިރަކުވެސް ވަކި އެއްޗެއް ނުބުނެއެވެ.

ނަމަވެސް ޕާޓީގެ ޓިކެޓްގެ ވާހަކަ ވަކިވަކި އާންމު މެމްބަރުންގެ ގާތު ޑރ. މުއިއްޒު ދައްކަވާކަމަށްވެއެވެ. އެކަމަކު ފާޅުގައި އެވާހަކަ ދައްކަވައިފިނަމަ ޑރ. މުއިއްޒު ޕާޓީން ވަކިކުރާނެކަން އެނގޭތީ ފާޅުގައި އެކަމާ އުޅޭކަށް ނުކެރެއެވެ. ޖަލު ގޮޅީގައި އޮންނަވައިގެން ވިޔަސް ޕާޓީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަކީ ރައީސް ޔާމީން ކުރައްވާނެ ކަމެއް ނޫނެވެ. ޕާޓީގެ ޓިކެޓް ދޫކޮށްލައިފި ނަމަ އެހެން މީހަކަށް ޕާޓީގެ ބާރު ލިބި އެމަނިކުފާނުގެ ބާރު ޕާޓީން ކެނޑިގެންދާނެ ކަމަށް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެއެވެ. އެމްޑީޕީގެ ތެރެެއިން ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހު ކުރިހޯދުމާއި ޕީޕީއެމްގެ ތެރެއިން ރައީސް މައުމޫން ބޫރުކޮށް ރައީސް ޔާމީން ޕާޓީ އަތުލެއްވުމުގެ ހަޤީޤަތަކީ ރައީސް ޔާމީން ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ބޭނުންނުވާ މައިގަނޑު ސަބަބެވެ.