އިދިކޮޅު ޕީޕީއެމްއިން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހިރާއެއްގެ ތެރެއިން ފުލުހެއްގެ އަތުގައި ދަތްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޕީޕީއެމްގެ އެކްޓިވިސްޓް އައިޝަތް ނުހާ އިބްރާހީމް އޭނާ އަށް ކުރާ ތުހުމަތު ދޮގު ކޮށްފިއެވެ.
މި ތުހުމަތު ނުހާ ދޮގު ކޮށްފައިވަނީ ލޯޔަރު އާސިފް ސޯޝަލް މީޑީއާއަށް ދޫކޮށްލައިފައިވާ ވީޑިއޯއެއްގައި ވާހަކަ ދައްކަމުންނެވެ.
ވީޑިއޯގައި ނުހާ ބުނެފައިވަނީ ފުލުހެއްގެ އަތުގައި އޭނާ ދަތް އަޅާފައި ނުވާނޭ ކަމަށާއި، ފުލުހުން އޭނާ ހައްޔަރު ކޮށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހީ ފުލުހުން ކުރި އަނިޔާތައް ފޮރުވަންކަމަށެވެ.
"މި މީހުން ތުހުމަތު ކުރީ ދެ ފުލުހެއްގެ އަތުގަ ދަތް އެޅިކަމަށް އެކަމަކު އަޅުގަނޑު ނުހުންނާނެ އެއިންއެވެސް ފުލުހެއްގެ އަތުގަ ދަތް އަޅާފަކާއެއް" ވީޑިއޯގައި ނުހާ ބުންޏެވެ.
ނުހާ ވަނީ އޭނާ ހައްޔަރު ކޮށްގެން ގެނައުމުގެ ތެރޭގައި ބޮޑެތި އަނިޔާ ތަކެއް ފުލުހުން އޭނާ އަށް ކުރި ކަމަށް ތުހުމަތު ކޮށްފައެވެ.
ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދަން މަސައްކަތް ކުރުމުން، ފުލުސް މީހާގެ އަތުގައި އޭނާ ދަތް އަޅާފައިވާކަން، ދެ ފުލުހެއްގެ ހެކިބަހުން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ ބުނެފައިވެއެވެ.
އަދި ނުހާ އަކީ މީގެ ކުރިން ވެސް އެތަށް ފަހަރެއްގެ މަތިން ހައްޔަރު ކޮށްފައިވާ ފަރާތަކަށް ވުމުން، އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ކްރިމިނަލް ކޯޓުން ޖެހި ފަސް ދުވަހުގެ މުއްދަތަށް ފަހު ނުހާ ވަނީ ދޫކޮށްލާފައެވެ.
އިދިކޮޅު ޕީޕީއެމްއިން ސިލްސިލާކޮށް ކޮންމެ ރެޔަކު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ މުޒާހަރާތަކަކީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލާ ކުރާ މުޒާހަރާ ތަކެކެވެ.