މާލެ: 31°C
ޕީޖީ ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

ޕީޖީ ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި

February 1, 2024
3 ފަހަރު ބަލާފައި
ޕީޖީ ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި
ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް މަގުމަތިން މިއަދު ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފިއެވެ. އެ މައްސަލާއާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޝަމީމަށް ދިން ނުރައްކާތެެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެގޮތުން، ޓެރަރިސްޓް އަދި އަނިޔާވެރި މި ކަހަލަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާއި އިހުތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާ އެކު މަސައްކަތްކުރަމުން ދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. "މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ. އަދި ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ހިދުމަތްތެރީންގެ ރައްކާތެރިކަމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ،" ބަޔާނުގައި ބުނެފައިވެއެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާއި ސަލާމަތްކަން ދެމެހެއްޓުމަށް ކަމަށާއި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. "ޕްރޮސެކިއުޓަ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދެން. އަދި ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެ ކަމަށް އުންމީދުކުރަން،" އެ ބަޔާނުގައި ބުނެފައިވެއެވެ. ޝަމީމަށް ހަމަލާދީފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންނެވެ. އެ ހަމަލާގެ ސަބަބުން އޭނާގ އަތުގެ ކަށިގަނޑުގައި ރެނދުލާފައިވާތީ އޭޑީކޭ އިން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ