މާލެ: 31°C

ޕީޖީގެ މުވައްޒަފުން ހަފްތާއަކު 4 ދުވަހު އޮފީހަށް ނުކުންނަނީ

ޕީޖީގެ މުވައްޒަފުން ހަފްތާއަކު 4 ދުވަހު އޮފީހަށް ނުކުންނަނީ
June 19, 2023
2 ފަހަރު ބަލާފައި
ޕީޖީގެ މުވައްޒަފުން ހަފްތާއަކު 4 ދުވަހު އޮފީހަށް ނުކުންނަނީ
އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެ މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފިއެވެ. އެ އޮފީހުން ބުނި ގޮތުގައި އެކަން އެގޮތަށް ހަމަޖެއްސީ ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެ މަސައްކަތް ކުރުމުން ނެރެވޭ ނަތީޖާ ތަޖުރިބާ ކުރުމުގެ ގޮތުން ކަމަށެވެ. ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިގޮތަށް ކަނޑައަޅުއްވައި މިހާރު ހަމަޖައްސާފައި ވަނީ އަންނަ ހަފްތާއިން ފެށިގެން އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ހަފްތާއަކު ހަތަރު ދުވަހު ޕީޖީ އޮފީހުގެ މުވައްޒަފުން އޮފީހަށް ނުކުމެ މަސައްކަތްކުރާ ގޮތަށެވެ. ހަފްތާއަކު 4 ދުވަހު މަސައްކަތްކުރުމުގެ ކަންކަން ރޭވިފައިވާ ގޮތް:
  • މި އޮފީހުންދޭ ހިދުމަތްތައް އާންމު އުސޫލުން ހަފްތާގެ 5 ދުވަހު (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު) ދެމުން ގެންދިއުން.
  • ހަފްތާގެ 5 ދުވަހުގެ ތެރެއިން 1 ދުވަސް މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތްކުރަން ނުޖެހޭގޮތަށް ހަމަޖެއްސުން.
  • މިފަދައިން އޮފީހަށް ނުކުމެ މަސައްކަތް ނުކުރާ ދުވަސް އޮފީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭގޮތަށް މުވައްޒަފުންގެ މެދުގައި ބަހާލުން.
  • ގޭގައި މަސައްކަތްކުރާ ދުވަސްތަކުގައިވެސް ޕްރޮސިކިއުޓަރުން ކޯޓަށް ދާންޖެހުންފަދަ، އޮފީހަށް ނުކުމެ މަސައްކަތްކުރަންޖެހޭފަދަ އެނޫންވެސް މަސައްކަތެއް އޮތްނަމަ އޮފީހަށް ނުކުމެ މަސައްކަތްކުރުން. (އެދުވަހަކީ އޮފީހަށް ނުކުމެ ކޮންމެހެން ކުރަންޖެހޭ މަސައްކަތްކޮށް ނިންމުމުން ފުދޭ، ގަޑި ނުޖެހޭ ދުވަހެއް ގޮތުގައި އޮތުން.)
  • މި މުއްދަތުގައި މުވައްޒަފު ސަލާމް ނުވަތަ އާއިލީ ޒިންމާ ޗުއްޓީއެއް ނަންގަވައިފިނަމަ ޖެހިގެން އަންނަ ހަފްތާގައި އާންމު އުސޫލުން 5 ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރުން.
އެގޮތުން ޕީޖީ އޮފީހުން ބުނީ "ހަތަރު ދުވަހުގެ މަސައްކަތު ހަފްތާ" ގެ މުއްދަތުގައި މުވައްޒަފުންގެ ޕާރފޯމަންސް ދުވަހުން ދުވަހަށް ބަލަމުން ގެންދާނެ ކަމަށެވެ. އަދި އެ ތަޖުރިބާ ނާކާމިޔާބު ވެއްޖެނަމަ، އެކަން ހުއްޓާލައި، އާންމު އުސޫލުން 5 ދުވަހު މަސައްކަތްކުރާގޮތަށް އަލުން އިއާދަކުރެވޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. މިދިޔަ ރޯދަމަހު ވެސް ޕީޖީ އޮފީހުން މަސައްކަތްކުރީ ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެގެންނެވެ. އެ އޮފީހުން ބުނީ އެއީ މިގޮތަށް މަސައްކަތްކުރުމުގެ ތަޖުރިބާގެ ފުރަތަމަ މަރުހަލާ ކަމަށާއި އެ ތަޖުރިބާގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެހެންކަމުން، ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ މުވައްޒަފުންނަކީ ވަޒީފާއާއި އާންމު ދިރިއުޅުމުގައި ބެލެންސެއް ގެންގުޅޭ، ނަފްސާނީ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަކީ އެ އޮފީހުގެ ތަސައްވުރު ކަމަށެވެ. "ހަތަރު ދުވަހުގެ މަސައްކަތު ހަފްތާ" އަކީ މި ތަސައްވުރު ހާސިލްކުރުމަށްޓަކައި، މިކަމަކީ ދާއިމީގޮތެއްގައި ކުރެވިދާނެ ކަމެއްތޯ ބަލައި ތަޖުރިބާ ކުރުމަށްތަކައި ކުރާ ކަމެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ