މާލެ: 31°C

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

February 4, 2023
2 ފަހަރު ބަލާފައި
ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ޕެންޝަން އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ހަތަރު މެންބަރުންގެ ތެރެއިން މެމްބަރެއްގެ ޖާގަ ހުސްވެފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން މިމަހުގެ 16 އަށް ހުޅުވާލާފައިވާ ކަމަށެވެ. ޕެންޝަން އޮފީސް ހިންގަނީ އަށް މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. އެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއާޕާސަންއާއި، ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަރުގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރައްވާ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ ހަތަރު މެންބަރުންނެވެ.ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް އައްއްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ޕެންޝަން އޮފީހުގެ އިއުލާނުގައި ބުނީ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދަން އެކުލަވާލާ ސިލެކްޝަން ކޮމިޓީން އެ މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ޔަޤީން ކުރާނެ ކަމަށެވެ. ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ޝަތުރުތައް
  1. ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކުރައްވާފައިވުން.
  2. ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން.
  3. ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ޙިއްޞާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން.
ޕެންޝަން އޮފީހުގެ އިއުލާނުގައި ބުނީ އެ އޮފީހުގެ ބޯޑަށް މެމްބަރަކު ނެގުމުގައި މި ޝަރުތުތކުގެ އިތުރުން ޕެންޝަން ގާނޫނުގެ (8) ވަނަ މާއްދާގެ (ރ) އާއި (ނ) ގައިވާ ކަންކަމަށް ރިއާޔަތްކުރާނެ ކަމަށެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ