މާލެ: 31°C

ޕީސީބީގެ ރައީސްއަށް މިވީ ކިހިނެއް؟ އިއްޔެގެ ދެ ސާކިއުލާވެސް ގެއްލިއްޖެ

February 13, 2025
179 ފަހަރު ބަލާފައި
ޕީސީބީގެ ރައީސްއަށް މިވީ ކިހިނެއް؟ އިއްޔެގެ ދެ ސާކިއުލާވެސް ގެއްލިއްޖެ
ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްގެ މަގާމުން ހަމްދީ އަގީލް ވަކިކޮށްފި އެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްގެ މަގާމުން ހަމްދީ އަގީލް ވަކިކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީސީބީގެ ރައީސްގެ މަގާމުން ހަމްދީ ވަކިކޮށްފައިވަނީ ރޭގެ ވަގުތެއްގައި އެވެ. އެކަމަކު އެ ނިންމުން ނިންމި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ހަމްދީ މަގާމުން ވަކިކޮށްފައި މިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް އަންގައި ޕީސީބީން އިއްޔެ ހަވީރު ސާކިއުލާއެއް ނެރެފައި ވަނިކޮށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ރަސްމީ ދަތުރުތައް ކުުރުން މަދުކުރުމުގެ އިތުރުން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުން ހިމެނެ އެވެ.

ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ޕީސީބީގެ ރަސްމީ "އެކްސް" އެކައުންޓުން ޕޯސްޓުކުރި ދެ ސާކިއުލާ މިހާރު ވަނީ ޑިލީޓްކޮށްފި އެވެ.

ގާތްގަތުގައި ޕީސީބިން ދެ ސާކިއުލާއެއް އިއްޔެ ހަވީރު "އެކްސް" ގައި ޕޯސްޓުކުރި އެވެ.

އެއް ސާކިއުލާ އަކީ ރޯދަ މަހާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން އާއްމުކުރި ސާކިއުލާއެކެވެ.

އަނެއް ސާކިއުލާ އަކީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުހިއްމު ފިޔަވަޅުތަކެއް އަޅަން އަންގައި އާއްމުކުރި ސާކިއުލާއެކެވެ.

އެކަމަކު މިހާރު އެ ދެ ސާކިއުލާވެސް "އެކްސް" އިން ޑިލީޓްކޮށްފައިވެ އެވެ. ނަމަވެސް ވެބްސައިޓުގެ ޑައުންލޯޑްސް ސެކްޝަނުން އަދިވެސް ސާކިއުލާތައް ބަލައިލެވޭ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އަޅަން ނިންމި ފިޔަވަޅުތަކަކީ:

ދައުލަތުގެ ހަރަދު

  1. ރަސްމީ ދަތުރުތައް ފިޔަވައި ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރުތައް ނުކުރުން
  2. ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގްވާމީ ސްޓޭކްހޯލްޑަރުންނާ އޮންލައިންކޮށް ބައްދަލުކުރުން
  3. ދަތުރުތަކުގައި ފަސްޓު ކްލާސް އަދި ބިޒްނަސް ކްލާހުން ދަތުރު ނުކުރުން
  4. ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދުތައް ކުޑަކުރުން
  5. ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ފެރީން ދަތުރުކުރުން
  6. އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައިވެސް ހަރަދުތައް ކުޑަކުރުން
  7. ބޭރުގެ މަހާސިންތަތަކާއި ފެއާތަކުގައި ބައިވެރިނުވުން

މުވައްޒަފުންގެ ހަރަދު

  1. ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން ނުނެގުން
  2. މުވައްޒަފުންގެ މުސާރައާއި އިނާޔަތަށް ބަދަލު ނުގެނައުން
  3. ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫނީ އިތުރުގަޑީގައި މަސައްކަތް ނުކުރުން
  4. ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ނުދިނުން
  5. ތަމްރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުންކުރުމާއި ރާއްޖޭގެ ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުން
  6. މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުން
  7. މުވައްޒަފުން އިތުރުވާނަމަ ޕްރޮޖެކްޓުތަކުގައި މުވައްޒަފުން ބޭނުންކުރުން

ޕީސީބީން ބުނީ، ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ދައުލަތުގެ ވިޔަފާރީގެ ހަރަދުތައް ވީހާވެސް ކުޑަކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ