މާލެ: 31°C

ޕާޓީތައް ހިންގުމުގައި ޔާމީނުގެ ލަފާ ހޯދާކަމުގެ ޔަގީންކަން ޕީޕީއެމް-ޕީއެންސީ މެމްބަރުންނަށް ދީފި

February 2, 2023
2 ފަހަރު ބަލާފައި
ޕާޓީތައް ހިންގުމުގައި ޔާމީނުގެ ލަފާ ހޯދާކަމުގެ ޔަގީންކަން ޕީޕީއެމް-ޕީއެންސީ މެމްބަރުންނަށް ދީފި
ޕާޓީތައް ހިންގުމުގައި ޔާމީނުގެ ލަފާ ހޯދާކަމުގެ ޔަގީންކަން ޕީޕީއެމް-ޕީއެންސީ މެމްބަރުންނަށް ދީފި
އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް ޔާމީނު ޖަލުގައި ހުންނެވިޔަސް އެ ދެ ޕާޓީ ހިންގަނީ އެ މަނިކުފާނުގެ ލަފަޔާ އިރުޝާދާ އެއްގޮތައް ކަން ދެ ޕާޓީގެ މެމްބަރުން ޔަގީންކުރަން ޕީއެންސީގެ ރައީސް އަބްދުއް ރަހީމް (އަދުރޭ) އެދިވަޑައިގެންފި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުން ހިމެނޭ ގޮތުން ގިނަ ކަންތައްތަކެއް އެޖެންޑާކޮށްގެން "ހޯޕް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި އަދުރޭ ވިދާޅުވީ ޕާޓީ ހިންގުމުގެ ކަންތައްތަކުގައި ޔާމީނާ ފަސޭހައިން މަޝްވަރާކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްޕީއެންސީން ޔާމީނުގެ ވަކީލުން މެެދުވެރިކޮށް އެމަނިކުފާނުގެ ލަފާ ހޯދަ އެވެ. އަދި ދޭތެރެދޭތެރެއިން އެމަނިކުފާނާ ބައްދަލުވެސް ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެހެންވީމާ ޔަގީންކުރަންވީ ކަމަކީ ޕާޓީ ހިނގަމުން މިދަނީ ސީދާ ރައީސް ޔާމީނުގެ ލަފާފުޅާ އެކީީގައިކަން. މިޕާޓީ ކައްޗަކާ ނުދާނެ. މިޕާޓީއަކަށް މިސްރާބެއް ނޯޅޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ކޮބައިކަމެއް އަޅުގަނޑުމެން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތައެއް ނުލާނަން،" އަދުރޭ ވިދާޅުވި އެވެ. އެ އަމާޒަކީ އޭނާ ވިދާޅުވި ގޮތައި ރާއްްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސް ޔާމީނު އަލުން ރާއްޖޭގެ ވެރިކަމަށް ގެނައުމެވެ. އަދުރޭ އެވާހަކައަށް ވަޑައިގެންނެވީ "ވާހަކަ ކުރުކޮށްލަން" އުޅުއްވާ ކަމަށް ވިދާޅުވެ، ޝުކުރުގެ ލިސްޓް ވެސް ނިންމަވާފައި އޭގެ ވެސް ފަހުންނެވެ. އަދުރޭ އޭގެ ކުރިން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހެޔޮ ދުއާއާއި ޔާމީނުގެ ގާނޫނީ ޓީމުން ކުރަމުން އަންނަ ބުރަ މަސައްކަތާ އެކު އިސްތިއުނާފު މަރުހަލާއިން އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. އެއީ ދިވެހި ރައްޔިތުން އެދޭ ގޮތް ކަމަށާއި އެއީ ގައުމަށް ބޭނުންވާ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަނީ ލޯންޑާކުރުމުގެ ކުށާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޖެނުއަރީމަހުގެ 25 ވަނަ ދުވަހު އެވެ. ރާއްޖޭގައި ހުކުމެއް އިސްތިއުނާފުކުރަން އޮންނަނީ 60 ދުވަސް ކަމަށް ވާތީ އެ މުއްދަތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި މިހާރު ވަނީ ފާއިތުވެފަ އެވެ. އެހެން ނަމަވެސް ޔާމީނަށް ކުރި ހުކުމް އެމަނިކުފާނުގެ ވަކީލުން އަދި އިސްތިއުނާފެއް ނުކުރެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ