މާލެ: 31°C

ޕާޓީ ދެފަޅިވެއްޖެ ނަމަ އިންތިހާބު ކާމިޔާބުކުރަން އުނދަގޫވާނެ: ރައީސް

December 28, 2022
2 ފަހަރު ބަލާފައި
ޕާޓީ ދެފަޅިވެއްޖެ ނަމަ އިންތިހާބު ކާމިޔާބުކުރަން އުނދަގޫވާނެ: ރައީސް
ޕާޓީ ދެފަޅިވެއްޖެ ނަމަ އިންތިހާބު ކާމިޔާބުކުރަން އުނދަގޫވާނެ: ރައީސް
އެމްޑީޕީ ބައިބައިވެއްޖެ ނަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނަކީ ވެސް ޕްރައިމަރީ އަށް ފަހުގައި އެކުގައި މަސައްކަތް ކުރަން ޖެހޭނެ ބައެއްކަން ދަނެގެން މަސައްކަތް ކުރަން "ދެފަރާތަށް ވެސް އިލްތިމާސްކުރައްވާ" ކަމަށެވެ. "ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑަށް ފަސޭހަވާނެ، އެމްޑީޕީ އެކީގައި އޮވެއްޖެއްޔާ. އެމްޑީޕީ ބައިބައިވެ، ދެފަޅިވެގެން ގޮސްފިއްްޔާ، އެއީ ހަަމަ ދަތި ޗެލެންޖަކަށް ވާނެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. ޕްރައިމަރީގައި އެމީހަކު ތާއީދުކުރާ މީހަކަށް ޕްރައިމަރީގައި ވޯޓު ދިނުމަށް ފަހު ރިޔާސީ އިންތިހާބުގައި ކާމިޔާބުކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް އެންމެން އެކީގައި ކުރުން ވަރަށް މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ މީހަކާ އެކީ، މި އިންތިހާބައިގެން ކުރިއަށް ދިއުން. ޕްރައިމަރީގައި ކުރިއަށް ދިއުން އެއީ އެމްޑީޕީއަށް އެންމެ ފައިދާހުރި [ގޮތަކީ] ، " ރައީސް ވިދާޅުވި އެވެ. "ޕްރައިމަރީއަށް ފަހުގައި ރައީސް ނަޝީދު މަނިކުފާނުގެ ފަހަތްޕުޅަށް ނާރައިފި ނަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެތޯ"  ރައީސްގެ ޖަވާބާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެދުމަކީ ޕާޓީ އެކީގައި އޮތުން ކަމަށެވެ.

"އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ އަޅުގަނޑާ އެކު"

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ވާދަކުރައްވަނީ ކީއްވެތޯ ކުރި ސުވާލަށް ރައީސް ސޯލިހު މިއަދު ވެސް ދެއްވީ ކުރިން ވެސް އެސުވާލަށް ދެއްވި ފަދަ ޖަވާބެކެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީން ބޭނުންވާނެ ކަމަށާއި އެ ޕާޓީއަށް އިންތިހާބު ކާމިޔާބުކުރެއްވޭނީ އެމަނިކުފާނާ އެކުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. "މިވަގުތު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ފުރުސަތު އެންމެ ބޮޑީ އަަޅުގަނޑަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން އެއްވެސް ޕާޓީއަކަށް އެެކަނި ނުކުމެ ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެވޭނެ ކަމަކަށް އެމަނިކުފާނު ދެކެވަޑައެއް ނުގަންނަވަ އެވެ. ސިޔާސީ ގޮތުން ބައެއް ކަންތައްތަކުގައި ހިޔާލު އެއްގޮތް ނޫން ފަރާތްތަކާ އެކުގައި މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ބޭފުޅަކީ ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ