މާލޭގެ ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީ މާލޭ ސިޓީ ކައުންސިލުން މިއަދު ކަނޑައަޅައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ އަންނަ މަހު 15 އިން ފެށިގެން އެ ފީ ނަގަން ފަށާނެ ކަމަށެވެ.
މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި، ޕާކްތަކަށް ވަންނަ ބިދޭސީންނަށް ކަނޑައަޅާފައިވާ ފީތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވިދާޅުވީ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީގައި ތަފާތު އަގުތަކެއް ކަނޑައެޅިފައިވާ ކަމަށާއި އޭގެ ތެރޭގައި ވެސް ބައެއް ހާލަތްތަކުގައި ބިދޭސީން އަތުން ފީ ނުނެގުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ބިދޭސީންގެ އަތުން ނަގާ ފީގެ އަގުތައް:
-
ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ ކޮންމެ ބިދޭސީއެއްގެ އަތުން 15ރ.
-
އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީއެއް ނަމަ ކޮންމެ މީހެއް އަތުން 50ރ.
-
ޓޫރިސްޓް ވިސާގައި ޕާކަށް ވަންނަ ބިދޭސީއެއް އަތުން 75ރ.
-
ކެމެރާ ހިފައިގެން އުޅޭ ބިދޭސީއެއް ނަމަ 500ރ.
ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ހާލަތްތައް:
-
އިސް ރަށްވެހިން ނުވަތަ އެހީތެރިންގެ ގޮތުގައި އުޅޭ ބިދޭސީން.
-
ކުޑަކުދިން ގޮވައިގެން އުޅޭ މެއިޑުން.
-
18 އަހަރު ނުވާ ބިދޭސީ ކުޑަކުދިން.
އެކަމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޑިޕްލޮމެޓިކް ކާޑު އޮންނަ މީހުންގެ އަތުން ވެސް އެއްވެސް ފީއެއް ނުނަގާ ގޮތަށް ހަދަން ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 11 މެމްބަރުންގެ އަޣުލަބިއްޔަތުގެ ދަށުން، ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީގެ އަދަދު ވަނީ ފާސްކުރެވިފައެވެ.