މާލެ: 31°C
ފަލަސްތީނަށް އިންސާފު ހޯދައިދިނުމުގެ އަޑު އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވެތިކަމެއް: ހައިދަރު

ފަލަސްތީނަށް އިންސާފު ހޯދައިދިނުމުގެ އަޑު އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވެތިކަމެއް: ހައިދަރު

May 2, 2024
3 ފަހަރު ބަލާފައި
ފަލަސްތީނަށް އިންސާފު ހޯދައިދިނުމުގެ އަޑު އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވެތިކަމެއް: ހައިދަރު
ފަލަސްތީނަށް އިންސާފު ހޯދައިދިނުމުގެ އަޑު އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވެތިކަމެއް ކަމަށް ވިދާޅުވެ، އދ. ގެ ސަލާމަތީ މަޖިލީހުގައި އޮންނަ ވީޓޯގެ ބާރު އުވާލަން ދިވެހި ސަރުކާރުން ގޮވާލައިފިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް ގޮވާލެއްވީ އިއްޔެ ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙްމަދެވެ. ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނުގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙްމަދު ވިދާޅުވީ އދ. ގެ 140 އަށްވުރެ ގިނަ މެންބަރު ޤައުމާއި އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކާއި މަގުތަކުގައި އާންމުން ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާ އަޑުތައް ކަނޑުވާލީ އެންމެ ވޯޓަކުން ކަމަށެވެ. އަދި އެއީ ލަދުވެތި ކަމެއް ކަމަށާއި އޭގެ ސަބަބުން އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް އދ. ގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަން ހާމަވާކަމަށް ވަޒީރު ވިދާޅުވިއެވެ. "ފަލަސްތީނަށް އިންސާފް ހޯދައިދިނުމަށް ހަރުއަޑުން ގޮވާލަމުންދާއިރު އެންމެ ވޯޓަކުން އަޑުނީވޭ ކަމަކަށް ހެދުމަކީ ލަދުވަތި ކަމެއް. އެ އެއް ވޯޓުން އދގެ ސަލާމަތީ މަޖިލިސް އަނެއްކާވެސް ފެއިލް ވެއްޖެ،" ހައިދަރު ވިދާޅުވިއެވެ. https://twitter.com/psmnewsmv/status/1785936408827547930 ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ހުށަހަޅާ ޤަރާރުތައް އެމެރިކާއިން ވީޓޯ ކުރާ މައްސަލައެވެ. ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރު ޤައުމަކަށް ވުމަށް ހުށަހެޅި މައްސަލަވެސް އެމެރިކާއިން ވަނީ ވީޓޯކޮށް ބޭރުކޮށްލާފައެވެ. މިނިސްޓަރ ވިދާޅުވީ ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލިސް ނުކުޅެދުމުގެ ސަބަބުން އިސްރާއީލުން ހިންގާ ޖަރީމާތައް އާދައިގެ ކަމަކަށް މިހާރު ވެފައިވާ ކަމަށެވެ. ނަމަވެސް، އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކަކީ ތާރީހުގައި އަބަދުވެސް ލިޔެވެމުންދާ ކަންކަމަށްވާތީ އެއީ ނުވާ ކަމެއްގެ ގޮތުގައި އަދި ނޭނގޭ ކަމަކަށް ހަދައިގެން ބަލަން ނުތިބެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމާއި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުގެ ހަތިޔާރަކަށް ވީޓޯ ވަނީ ވެފައި. މި މަޖިލީހުން ވީޓޯއަށް ނޫނެކޭ ބުނުމުގެ ވަގުތު މިއޮތީ ޖެހިފައި،" ޙައިދަރު ވިދާޅުވިއެވެ. ޑރ. ޙައިދަރު ވަނީ ފަލަސްތީނަކީ މިނިވަން، މުސަތަގިއްލު ދައުލަތެއް ކަމުގައި ބަލައިގަނެ، 1984 ވަނަ އަހަރުން ފެށީގެން ރެފިއުޖީންގެ ގޮތުގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ އަތުން އިސްރާއީލުން އަތުލާފައިވާ ބިންތައް އަނބުރާ ހޯދައިދިނުމަށް ގޮވާލާފައެވެ. ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމަށް އދގެ ސަލާމަތީ މަޖިލީހުގެ ތެރެއިން އެންމެ ބޮޑަށް ހުރަސް އަޅަނީ އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ، އިނގިރޭސިވިލާތުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ