މާލެ: 31°C
ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

March 6, 2024
2 ފަހަރު ބަލާފައި
ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ޝެހްބާޒް ޝަރީފް ދެވަނަ ފަހަރަށް އައްޔަން ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ މެސެޖުގައި ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރާ، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ގައުމަށާއި ދެ ގައުމުގެ ރައްޔިތުންނަށް ލިބިގެންދާ ގޮތަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ސަރުކާރާ ބޮޑުވަޒީރާއެކު ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އޭގެ އިތުރުން، ދެގައުމުންވެސް ގަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ގައުމުން އަނެއް ގައުމަށް އިހްތިރާމުކުރުމާއެކު އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. އައު ބޮޑުވަޒީރަކު އިންތިހާބު ކުރުމަށް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި 201 މެންބަރުންގެ ތާއިދު ޝެހްބާޒް ޝަރީފް ވަނީ ހޯއްދަވާފައެވެ. އޭނާ އަކީ ޕާކިސްތާނުގެ އާންމު އިންތިހާބުގައި ވާދަކުރި ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ޕާޓީގެ އިސްވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ