އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާ، އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ބަނދަރު ތަރައްގީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަހުވަދޫގައި ވާހަކަފުޅުދައްކވަމުން ރައީސް ޑ.މުއިއްޒު ވިދާޅުވީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާ، އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މި ދައުރު ނިމުމުގެ ކުރިން ކޮށްދެއްވައި ނިންމަވާނެ ކަމަށެވެ.
އެގޮތުން ރޭގެ ރަސްމިއްޔާތުގައި ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ނުވަތަ ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ މުޙައްމަދު ސަޢީދު އެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) އަދި މެނޭޖިންގް ޑައިރެކްޓަރ، މުޙައްމަދު ރިޝްވާންއެވެ.
ކުޑަހުވަދޫގެ ރައްޔިތުންނާ މުޙަތަބްކުރައްވައި ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަފުޅުގައިވަނީ އެރަށުގެ ވިޔަފާރި ބަނދަރުގެ މަޝްރޫޢަކީ ސަރަޙައްދީ ގޮތުން ބަލާއިރު ވަރަށް އެކަށޭނަ، މަޢުޤޫލު މަޝްރޫޢެއް ކަމުގައި ސިފަ ކުރައްވާފައި، ސޮއި ކުރެވުނު އެއްބަސްވުމާއެކު ދެންވެސް ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދެވި، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާ، އޮޕަރޭޝަނަލް ބަނދަރެއްގެ ގޮތުގައި އެ ވިޔަފާރި ބަނދަރު، މި ދައުރުގެ ތެރޭގައި ހައްދަވައި، ރައްޔިތުންނަށް ދައްކަވައި ދެއްވާނެކަމުގެ ޔަޤީންކަން، ދެއްވާފައެވެ.







