މާލެ: 31°C

އުރީދޫއަކީ އާއްމު ތަރައްގީގެ މުހިއްމު ބައިވެރިއެއް: ރައީސް

December 14, 2022
2 ފަހަރު ބަލާފައި
އުރީދޫއަކީ އާއްމު ތަރައްގީގެ މުހިއްމު ބައިވެރިއެއް: ރައީސް
އުރީދޫއަކީ އާއްމު ތަރައްގީގެ މުހިއްމު ބައިވެރިއެއް: ރައީސް
ރާއްޖޭގައި ފޯނާއި އިންޓަނެޓްގެ ހިދުމަތްދޭ ގަތަރުގެ ކުންފުނި އުރީދޫއަކީ ގަތަރާއި ރާއްޖޭގެ އާއްމު ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ގަތަރަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒު އަލް އުސްމާން ފަޚުރޫއާ އާއި އުރީދޫ ގްރޫޕްގެ އެހެން އިސްވެރިންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގަ އެވެ. ގަަތަރުގެ އަމީރު ޝައިހު ތަމީން ބިން ހަމަދު އައް ސާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ވަޑައިގެންނެވީ އިއްޔެރޭގެ ވަގުތެއްގަ އެވެ. އުރީދޫގެ އިސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެކުންފުންުޏަކީ ރާއްޖެއާ ގަތަރާއި ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އިޖުތިމާއީ ޒިންމާގެ ދަށުން އުރީދޫ އިން ރާއްޖޭގައި މުހިއްމު ހިދުމަތްތަކެއް ކުރާ ކަން ފާހަގަކުރެއްވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ ހިދުމަތްތަކުގެ ތެރޭގައި ސިއްހީ ގޮތުން ފައިދާހުރި ކާނާއަށް މީހުން ހޭލުންތެރިކުރުވުމާއި އަންހެނުން ބާރުވެރިކުރުވުމާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދާއިރާއިން ކުރާ މަސައްކަތްތައް ފާހަގަކުރެއްވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ ކުންފުނީގެ ޑިޖިޓަލް ލިޓަރެސީ ޕްރޮގްރާމާއި، ޒުވާނުންގެ އުފެއްދުންތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގެ ގޮތުން ހިންގާ އެކްސެލެރޭޓަރ ޕްރޮގްރާމާއި، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާއި، ހުޅުމާލެ "ސްމާޓް ސިޓީ" އިނީޝިއޭޓިވްއާ ބެހޭގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. ބައްދަލުވުމުން ނިންމަވައިލައްވަމުން ރައީސް ސޯލިހާއި އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަޒީޒް އަލް އުސްމާން ވެސް ވިދާޅުވީ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއިއެކު ހިދުމަތްތައް ފުޅާކޮށް، އެކުންފުނީގެ ފަރާތުން ދިވެހި މުޖުތަމަޢަށް ފޯރުކޮށްދޭ އެހީތަށް އިތުރުވެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ