މާލެ: 31°C
އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމްތައް ބާތިލްކޮށްފި

އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމްތައް ބާތިލްކޮށްފި

April 30, 2024
2 ފަހަރު ބަލާފައި
އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމްތައް ބާތިލްކޮށްފި
އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމްތައް ބާތިލްކޮށްފިއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު، އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއުން އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ފޯމް ހުށަހެޅުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައި ވާތީ، އެޕްލިކޭޝަންތައް ބާތިލް ކޮށްފައިވާ ކަމަށެވެ. އެ ދުވަހު އޮންލައިން ޕޯޓަލް މެދުވެރި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ފޯމު ހުށަހެޅުމުގައި ދިމާވި ދަތިތައް ބަޔާންކޮށް ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ. "އަދި ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބެލިބެލުމުން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާކަން މިކޯޕަރޭޝަނަށް ފާހަގަކުރެވިފައި ވާތީ، އަދި މިކަމާގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލިފައި ވާތީ 5 ނޮވްމެބަރ 2023 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި ހުށަހެޅި އެޕްލިކޭޝަނަތައް ވަނީ ބާތިލް ކުރެވިފައި،" އެޗްޑީސީން ބުނެފައިވެއެވެ. ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި، އެހެންނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވުމުން ބޯހިޔާވަހިކަމެއް ލިބިފައިނުވާ ގިނަ ފަރާތްތަކެއްގެ ޝަކުވާ އެ ކޯޕަރޭޝަނަށް ތަކުރާރުކޮށް ލިބެމުންދާކަން ވެސް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އެޗްޑީސީން ބުނީ އެ ފަރާތްތަކަށް ބޯހިޔާވަހިމެއް ހޯދައިދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިނަރެސް މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދާތީ، ވިނަރެސް އެޕާޓްމަންޓް ވިއްކުމަށް އިތުރަށް ހުޅުވާނުލާނެ ކަަމަށެވެ. "ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތު ތަނަވަސްކޮށް، މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައި ދިނުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން." އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ވިނަރެސް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ ޝަކުވާތައް ލިބެމުންދާއިރު، އެފަދަ ކަންކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ