މާލެ: 31°C

އޮންލައިންކޮށް ވޯޓުދީފައި ވާތީ ކޮމިޓީ ރިޕޯޓެއް އަނބުރާ ފޮނުވާލައިފި

އޮންލައިންކޮށް ވޯޓުދީފައި ވާތީ ކޮމިޓީ ރިޕޯޓެއް އަނބުރާ ފޮނުވާލައިފި
March 22, 2023
2 ފަހަރު ބަލާފައި
އޮންލައިންކޮށް ވޯޓުދީފައި ވާތީ ކޮމިޓީ ރިޕޯޓެއް އަނބުރާ ފޮނުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓަކަށް ވޯޓް ދެއްވި މެމްބަރުންގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި މެމްބަރަކު ހިމެނިވަޑައިގަންނަވާތީ އެ ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ. މަޖިލީހުގެ ރިޔާސަތުން އަނބުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިލީ ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތަކާ މެދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓެވެ. މަޖިލީހުގެ ކޮމިޓީތަކުގައި އޮންލައިންކޮށް މެމްބަރުން ބައިވެރިވުމުގެ ހާލަތު މިހާރު ނެތްކަމަށް ވިދާޅުވެ، މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ސިޓީފުޅެއް ކުރިން ފޮނުވައިފަ އެވެ. އެހެން ނަމަވެސް އެކޮމިޓީން ނިންމީ ބައްދަލުވުންތަކުގައި މެމްބަރުންނަށް އޮންލައިންކޮށް ބައިވެރި ވެވޭ ގޮތަށް ކުރިއަށް ގެންދާށެވެ. އެގޮތަށް ނިންމި ފަހުން ފާސްކުރި ފުރަތަމަ ރިޕޯޓަކީ މަޖިލީހުގެ ތަޅުމަށް އިއްޔެ ފޮނުވި ރިޕޯޓެވެ. މަޖިލީހުގެ ރިޔާސަަތުން އަނބުރާ ފޮނުވައިލީ އެ ރިޕޯޓެވެ. ކޮމިޓިގެ މިއަދުގެ ބައްދަލުވުމަށް، މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮރައިނާ އާދަމް އިއްވެވި ސިޓީގައި ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އޮންލައިންކޮށް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދޭންވާނީ ރަސްމީ ދަތުރުފުޅުތަކުގައި ތިއްބަވާ މެމްބަރުންނަށް ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އޮންލައިންކޮށް ބައިވެރިވާ މެމްބަރުންނަށް ކޮމިޓީ އެލަވަންސް ލިބިވަޑައިގަންނަވާނީ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވަމުން ނުވަތަ މަޖިލިސް ޗުއްޓީގައި އޮންނަ ހާލަތުގައި ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް ސިޓީގައި ނަޝީދު ވިދާޅުވި އެވެ. އެގޮތަށް އެކަން އޮއްވާ ބްރޯޑްކޮމްއަށް ބޭފުޅުން އައްޔަންކުރުމުގެ މައްސަލައިގެ ރިޕޯޓް ފާސްކުރި ބައްދަލުވުމުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފު ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށް ކަމަށް ވެފައި، އޭނާ ހުންނެވީ ރަސްމީ ދަތުރެއްގައި ކަމަށް  ނުވާތީ އެއީ ރިޕޯޓް ފާސްކުރަން ނެގި ވޯޓުގެ ސައްހަކަމާ މެދުގައި ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މަޖިލީހުގެ ރިޔާސަތުން އެގޮތަށް އެންގުމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ އެ ރިޕޯޓް އަލުން ފާސްކޮށް ތަޅުމަށް ފޮނުވައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ