މާލެ: 31°C
ވަން ގަވް މެދުވެރިކޮށް ޚިދުމަތްދޭން ފެށި ސަރުކާރުގެ ފުރަތަމަ ކުންފުންޏަކަށް ބީސީސީ

ވަން ގަވް މެދުވެރިކޮށް ޚިދުމަތްދޭން ފެށި ސަރުކާރުގެ ފުރަތަމަ ކުންފުންޏަކަށް ބީސީސީ

March 13, 2024
3 ފަހަރު ބަލާފައި
ވަން ގަވް މެދުވެރިކޮށް ޚިދުމަތްދޭން ފެށި ސަރުކާރުގެ ފުރަތަމަ ކުންފުންޏަކަށް ބީސީސީ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ދޭން ފަށައިފިއެވެ. މިއަދު ހެނދުނު ޓްރޭޑްނެޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ބީސީސީގެ ބައެއް ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ފޯރުކޮށްދިނުން އިފްތިތާޙް ކޮށްދެއްވީ ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ދެއްކެވި ވާހަކަފުޅުގައި ބީސީސީން ވަންގަވް މެދުވެރިކޮށް މިވަގުތު، ހަމަ އެކަނި ގޭގައި ކާބޯތަކެތި އުފައްދައި ބަންދުކުރާ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ދަފްތަރު ވެވޭނެ އިންތިޒާމް ހަމަޖައްސައި ދިން ނަމަވެސް، ކުރިއަށްއޮތްތަނުގައި ބީސީސީން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި މިއީ ކުދި ވިޔަފާރިތަކަށް ބީސީސީން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަންވެސް ޒިޔާއު ވަނީ ފާހަގަކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ޓްރޭޑްނެޓުގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އިތުރު ކުންފުނިތަކުން ވަންގަވް މެދުވެރިކޮށް ޚިދުމަތްދޭން ފެށުމަކީ ރައްޔިތުންނަށް ޚިދުމަތް ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ބީސީސީން މިކަމުގައި އިސްނެގިކަން ސަޢީދާ ވަނީ ފާހަގަކޮށްފައެވެ. ބީސީސީ އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ވަންގަވް މެދުވެރިކޮށް އާންމުންނަށް ޚިދުމަތްދޭން ފެށި ފުރަތަމަ ކުންފުންޏެވެ. ވަންގަވް މެދުވެރިކޮށް ބީސީސީން މިއަދު ތަޢާރަފްކުރި، ޚިދުމަތާއެކު، އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް ވެސް ފަސޭހަ ވެގެންދާނެއެވެ. ބީސީސީން ވަންގަވް މެދުވެރިކޮށް ޚިދުމަތްދޭން ފަށާފައި މިވަނީ، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތައް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ފަސޭހައިން ލިބޭނެ ޚިދުމަތްތަކަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. ވަންގަވް އަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ޤާއިމް ކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން ޚިދުމަތް ދެނީ އީފާސް އެކައުންޓް މެދުވެރިކޮށެވެ. ވަންގަވް އިފްތިތާހްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ