ހާލަތަށް ރިއާޔަތްކޮށް ގިންތި ކުރުމަށް ފަހު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންޑާމިނިސްޓްރީއިން ބުނީ، ދައުލަތުން ދޭ މާލީ އެހީގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރަން ގިންތިތަކެއް ހަދައި 6،000 ރުފިޔާ އާ ހަމައަށް ބޮޑުކުރި ކަމަށެވެ.
މިއަދު ޖެންޑަ މިނިސްޓްރީއިން ބުނި ގޮތުގައި ގިންތިތަކަށް ބެހުމަސް ފަހު އެންމެ މަދުން ލިބޭ މީހަކަށް ވެސް ޖޫން މަހުން ފެށިގެން 3000 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން އަމިއްލައަށް ނޫޅެވޭ މީހުންނަށް 2000 ރުުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.
އަދި އަސާސީ ބޭނުންތަކަށް ސެލްފް ކެއާ އެލަވަންސެއް ތައާރަފްކޮށް އިތުރު 1000 ރުފިޔާ ލިބޭނެއެވެ. އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށްވުރެ ގިނައިން ތިބި ނަމަ މީހުން ތިބި ނިސްބަތުން 1000 ރުފިޔާގެ އެލަވަންސެއް ވެސް ލިބޭނެއެވެ.
އެންސްޕާގެ ސީއީއޯ އިސްމާއީލް އައްޒާމް ވަޖީހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެންމެ ބޮޑުކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 6000 ރުފިޔާ ދެން ލިބޭނެ ކަމަށެވެ. އަދި އެއީ މިހާރަށް ވުރެ 200 ޕަސެންޓް ބޮޑުވުމެއް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ގެނައި ބަދަލާ އެކު، ނުކުޅެދުންތެރިކަން ހުންނަމީހުނަށް މިހާރު ލިބޭ 2000 ރުފިޔާގެ އިތުރުން އެލަވަސްން ލިބޭނެ ގޮތަކީ :
- ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތެއް ބަލަހައްޓަން ޖެހޭ 65 އަހަރުން ދަށުގެ މީހުނަށް 2000ރ.
- ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަން ޖެހޭ އިތުރު ތަކެތި (ކޮންސިއުމަބަލް) އަށް 1000ރ. 65 އަހަރުން ދަށުގެ މީހުނަށް
- އެއްގެއެއްގައި ތިން މީހުންނަށް ވުރެން ގިނަ ނުކުޅުންތެރިކަން ހުންނަ، 65 އަހަރުން ދަށުގެ މީހުން އުޅޭނަމަ މީހަކަށް 1،000ރ. އެވެ.