މާލެ: 31°C

ނިއުޝާ ރައީސް ނަޝީދަށް: އީވާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައިދީ

ނިއުޝާ ރައީސް ނަޝީދަށް: އީވާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައިދީ
June 13, 2023
2 ފަހަރު ބަލާފައި
ނިއުޝާ ރައީސް ނަޝީދަށް: އީވާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައިދީ
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ގޮތެއް ހޯދައިދިނުމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިއުޝާ ވިދާޅުވީ މިއަދުގެ ޖަލްސާގައި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައި އޮތުމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ސިޓީއަކުން ދަންނަވާފައިވާނޭ ކަމަށެވެ.

ރައިސް ނަޝީދަށް ފޮނުވި ސިޓީގައި ނިއުޝާ ވިދާޅުވީ، ނައިބު ރައީސްގެ މައްސަލައިގެ ނޯޓިސް 8 ޖޫން އަށް ހަމަވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބާއްވާ ޖަލްސާއަކީ 11 ޖޫންގައި ބާއްވަންޖެހޭ ޖަލްސާއެއް ކަމަށްވީނަމަވެސް އެ ޖަލްސާ ބޭއްވިފައި ނުވަނީ، މިހާތަނަށް މަޖިލީހުގައި އަމަލުކޮށްފައިވާ އުސޫލާ އެއްގޮތަށް އެ ޤަރާރުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެންބަރުންގެ އަދަދާއި، މެންބަރުން ވާހަކަ ދައްކާނެ ދިގުމިނާއި ނައިބު ރައީސް ދިފާއުގައި ވާހަކަ ދެއްކުމަށް ލިބޭނެ ފުރުސަތުގެ އަދަދާއި އެ ފުރުސަތުގެ ދިގުމިން އެ ތާރީހާ ހަމައަށްވެސް އާންމު ކޮމިޓީން ކަނޑައެޅިފައި ނުވާތީ ކަމަށެވެ. މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކޮމިޓީތައް އެކުލަވާނުލެވި އަދި ކޮމިޓީ މަސައްކަތްތައް ކުރިއަށް ނުގޮސް އޮތުމަކީ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ޖަލްސާއަށް ހުށަނޭޅި މަޑުޖެއްސިދާނެ ސަބަބެއް ކަމަށް ނުފެންނަކަމަށް ވެސް ސިޓީގައި ނިއުޝާ ވިދާޅުވިއެވެ. މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައެއް ކުރިއަށް ގެންދާ ޖަލްސާއެއްގައި ރިޔާސަތުގައި އިންނަވަން ޖެހޭނީ މަޖިލީހުގެ ރައީސްއެވެ. ނަމަވެސް އެކަމަށް ރައީސް ނަޝީދު ވަނީ އުޒުރުވެރިވެފައެވެ.

އީވާގެ މައްސަލަ މިއަދު އެޖެންޑާކޮށްގެން ފެށިއިރު ގަވާއިދުގައިވާ ގޮތުން އެ ޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަންޖެހެނީ އާންމު ކޮމެޓީންނެވެ. ނަމަވެސް އެ ކޮމެޓީ ފުރިހަމަ ކުރާނެ ގޮތަކަށް ޕާޓީތަކަށް އެއްބަސްނުވެވިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންނާއި ވަގުތު ގަވާއިދުގައި ބުނާ ގޮތަށް ކަނޑައަޅާފައެއްނުވެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ނުބަލަހައްޓަވާނަމަ ދެން ރިޔާސަތު ބަލަހައްޓާނެ މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ޖެހެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ