މާލެ: 31°C
ނިލަންދޫން 129 ގޯތި ދޫކުރަން ނިންމައިފި

ނިލަންދޫން 129 ގޯތި ދޫކުރަން ނިންމައިފި

April 14, 2024
3 ފަހަރު ބަލާފައި
ނިލަންދޫން 129 ގޯތި ދޫކުރަން ނިންމައިފި
ފ.އަތޮޅު ނިލަންދޫން 129 ގޯތި ދޫކުރަން އިއުލާންކޮށްފިއެވެ. ނިލަންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ މި އަހަރުގެ 14 ވަނަ ޖަލްސާއިން އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ ގޯތި ދޫކުރުމާބެހޭ އުސޫލަށް ބައެއް އިސްލާހް ގެނެސް، އެބަދަލުތަކާއެކު އަލުން އެއުސޫލު ގެޒެޓްކޮށްފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ. އެގޮތުން 129 ގޯތި އެރަށުން ދޫކުރުމަށް ވަނީ ނިންމައިފައެވެ. އެއީ 2،000 އަކަފޫޓްގެ 96 ގޯއްޗާއި 2،800 އަކަފޫޓުގެ 33 ގޯއްޗެވެ. އިއުލާނުގައި ބުނެފައިވާ ގޮތުން މި ގޯތިތައް ދޫކުރުމަށް ނިންމާފައިވަނީ ރަށުގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުން 96 ގޯއްޗާއި، އެރަށު "ވެލި" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ފަސް ގޯއްޗާއި، އެރަށު "ހުވަނދު" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ހަތަރު ގޯތީގެ އިތުރުން "ހިމިތި" ގޭގެ އަތިރިން އޮތް ސަރަހައްދުން އޮތް 24 ގޯއްޗެވެ. ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް:
  •  އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުން
  • ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް، އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް އަމިއްލަ ނަމުގައި ރެޖިސްޓްރީ ކޮށްފައި ނެތުން
  • ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން
  • 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ރަޖިސްޓަރީވެފައިވާނަމަ، ނުވަތަ ލިބިފައިވާނަމަ މިފަދަ ބައެއް ގޯތި ދޫކުރުމުގެ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލަން އެއްބަސްވުން
  • ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން 600 އަކަފޫޓަށް ވުރެ ބޮޑު ފުލެޓެއް، ރޯހައުސްއެއް، އެއް މެދު އިމާރާތެއްގެ ފުލެޓެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި އޮވެ އެތަން ދޫކޮށްލާފައި ނުވަތަ ވިއްކާލާފައި އޮތުން
  • ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެގޮތުގެ މިންގަނޑުގައި ކަނޑައެޅިފައިވާ ޖުމްލަ ޕޮއިންޓު 60 (ފަސްދޮޅަސް) އަށްވުރެ މަތިން ޕޮއިންޓުލިބޭ ފަރާތެއް ކަމުގައިވުން
ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހި ސުންގަޑި އަކީ އަންނަ މަހު 30 ވަނަ ދުވަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ