ފިރިމީހާ މަރާލި މައްސަލައިގައި މަރިޔަމް ނަޒާހާގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފި އެވެ.
22 ޖޫން 2010 ދުވަހު މއ. އެދުރުގެ ހަސަން ޝާހިދު، ހ. ބައިކަނޑިގެ މަރްޔަމް ނަޒާހާ ދިރިއުޅޭގެއަށް ގޮސް މަރްޔަމް ނަޒާހާ ދިރިއުޅޭ ކޮޓަރިއަށް ވަނުމުން ހަސަން ޝާހިދުގެ ބުރަކަށްޓަށް ވަޅިއަކުން ހަމަލާދިނުމުން ލިބުނު އަނިޔާއަށް ބޭސްފަރުވާކުރަމުން ދަނިކޮށް އެ ދުވަހު ހަސަން ޝާހިދު ނިޔާވެފައިވެ އެވެ. މި މައްސަލައިގައި ނަޒާހާގެ މައްޗަށް އުފުލާފައިވަނީ ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ދަށު ކޯޓުން ނަޒާހާގެ މައްޗަށް ވަނީ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. ދަށު ކޯޓުގެ ހުކުމް ނަޒާހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ.
ނަޒާހާގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ ކޯޓުން މިއަދު ވަނީ މި މައްސަލައިގައި ހުކުމް ކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން، ދަށު ކޯޓު އަދި ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ހުކުމަށް ވަނީ ތާއީދު ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.
މީގެތެރެއިން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދުގެ އަޣުލަބިއްޔަތު ރައުޔުން ނިންމަވާފައިވަނީ، މަރިޔަމް ނަޒާހާ، ހަސަން ޝާހިދުއަށް ހަމަލާދިނީ ނަފްސުގެ ދިފާއުގައި ކަމަށް ބުނި ނަމަވެސް، މީހަކު މަރާލަން ހުއްދަވާ ފަދަ މަޖުބޫރީ ހާލަތެއް އޭނާގެ ކިބައިގައި ނެތް ކަމަށެވެ. އަދި މީހަކު މެރުމުގެ ގަސްދު ނަޒާހާގެ އޮތްތޯ ބަލާއިރު، އެކަމުގައި ބަލަން ޖެހޭނީ ބޭނުންކުރި ހަތިޔާރާއި، ވަށައިގެންވާ ކަންކަމާއި ހަމަލާދިން ގޮތަށް ކަމަށެވެ. މިއީ ނަފުސުގެ ދިފާއުގައި ކުރިކަމެއް ކަމަށް ބުނިނަމަވެސް އެގޮތަށް ބެލެވެން ނެތް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ބުއްދިއަށް އުނިކަން އައިސްފައިވުމުގެ ދިފާއުއަށް ބަލާއިރު ނަޒާހާއަށް އެފަދަ އެއްވެސް ހާލަތެއް ދިމާވެފައިވާކަން އެނގޭނޭ މެޑިކަލް އެއްވެސް ލިޔުމެއް އެއްވެސް މަރުހަލާއެއްގައި ނަޒާހާގެ ފަރާތުން ހުށަހަޅާފައި ނުވާކަންވެސް ފާހަގަ ކޮށްފައިވެ އެވެ.
މި ހުކުމުގައި ތަފާތުވި ރައުޔުގައި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވިދާޅުވެފައިވަނީ ޝާހިދުގެ ފަރާތުން ނަޒާހާއަށް އެކި ގޮތްގޮތުން އަނިޔާ ލިބެމުންދިޔަ ކަމަށެވެ. އަދި ޝާހިދު މަރާލުމުގެ ގަސްދު ނަޒާހާގެ ކިބައިގައި އޮތްކަމަށް ނުބެލެވޭކަން ފާހަގަކުރެއްވި އެވެ. ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ބުނެފައިވަނީ ހަމަލާ ދިނީ މެރުމުގެ ގަސްދު އޮވެގެން ކަމަށް ބެލެވެން ނެތް ނަމަވެސް ގަސްދަކާ ނުލައި މެރުމުގެ އަދަބު ދޭން ޖެހޭތީ އެ މައްސަލަ ދަށު ކޯޓަށް ފޮނުވަން ޖެހޭ ކަމަށެވެ.







