ނެޝަނަލް ގްރީންހައުސްގޭސް އިންވެންޓަރީ ތައްޔާރުކުރުމަށްޓަކައި ޓްރާންސްޕޯޓްދާއިރާގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަންމަންޓް، އެންޑް އެނަރޖީއާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ ތާރިގް އިބްރާހީމް، އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ މުހައްމަދު އަމީން އެވެ.
ނެޝަނަލް ގްރީންހައުސްގޭސް އިންވެންޓަރީ ތަކުން ޓްރާންސްޕޯޓް ދާއިރާއަކީ ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ގާތްގަނޑަކަށް 25 އިންސައްތަ ހިއްސާ ކުރާދާއިރާއެއްކަން ދެނެގަނެވިފައިވެއެވެ. ނަމަވެސް މި ދާއިރާއިން ބޭނުންވާ ތަފްސީލު މައުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމުގައި ގޮންޖެހުންތައް ހުރިކަންވަނީ ފާހަގަކުރެވިފައެވެ.
މިއަދު މި ސޮއިކުރި އެއްބަސްވުމުގެ ސަބަބުން، ޕެރިސް އެގްރީމެންޓްގެ އެކުލަވާލަންޖެހޭ ބައިއެނިއެލް ޓްރާންސްޕޭރަންސީ ރިޕޯޓް (ބީ.ޓީ.އާރ) އަދި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓަރމައިންޑްކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) ފަދަ ރިޕޯޓުތައް އެކުލަވާލައި، އަދާހަމަ ކުރުމަށް ޓްރާންސްޕޯޓުގެ ދާއިރާއިން ބޭނުންވާ މަޢުލޫމާތު ފަސޭހަކަމާއެކު ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ އިތުރުން، ޓްރާންސްޕޯޓުގެ ދާއިރާއިން ލިބޭ މައުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާ ވެގެންދާނެއެވެ.
މިއީ "ކެޕޭސިޓީ ބިލްޑިން ފޯ އިމްޕްރޫވްޑް ޓްރާންސްޕޭރެންސީ އޮފް ކްލައިމެޓް ޗޭންޖްމިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވްސް" (ސީބީއައިޓީމޯލްޑިވްސް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޕްރޮޖެކްޓަކީ މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (ޔޫ.އެން. އެންވަޔަރަންމަންޓް) އާއި ގުޅިގެން ގްލޯބަލް އެންވަޔަރަންމަން ފެސިލިޓީ (ޖެފް)ގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށާއި ޖައްވު ހޫނު ކުރާ ގޭސް ބޭރުކުރެވޭ މިންވަރު މަދުކޮށް ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ އަދި ގިނަވެގެން 2 ޑިގްރީގައި ހިފެހެއްޓުމަށް މަސައްކަތްކުރުމަށް 2015ގައި ވަނީ ޕެރިސް ކުލައިމެޓު އެގްރީމެންޓް އެކުލަވާލަފައެވެ. މިއީ ރާއްޖެވެސް ބައިވެރިވެފައިވާ މުހިންމު އެއްބަސްވުމެކެވެ.
ޕެރިސް އެގްރީމެންޓްގައި ކޮންމެ ގައުމަކުންވެސް ޖައްވަށް ދޫކުރާވިހަގޭހުގެ މައުލޫމާތާއި، ވިހަގޭސް ޖައްވަށްދޫކުރާވަރު މަދުކުރުމަށް ހިންގާ ތަފާތު މަޝްރޫއުތަކާއި ބެހޭ މައުލޫމާތާއި، އެޑެޕްޓޭޝަންގެ ދާއިރާތަކުން ހިންގާ މަޝްރޫއު ތަކުގެ މައުލޫމާތާއި، މިފަދަ މަޝްރޫއުތަކަށް ހޭދަކުރާ އަދި އިންވެސްޓު ކުރާވަރާވަރާބެހޭ މަޢުލޫމާތު އެއްކޮށް، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްއަށް ރިޕޯޓުކުރުމަށް ކަނޑައަޅާފައިވެއެވެ.







