މާލެ: 31°C
އިންތިހާބުގެ ނަތީޖާއިން އެމްޑީޕީއަށް މާޔޫސްކަން

އިންތިހާބުގެ ނަތީޖާއިން އެމްޑީޕީއަށް މާޔޫސްކަން

April 22, 2024
3 ފަހަރު ބަލާފައި
އިންތިހާބުގެ ނަތީޖާއިން އެމްޑީޕީއަށް މާޔޫސްކަން
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާއިން މާޔޫސްވެއްޖެ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީގެ މެމްބަރުން ދެމިތިބޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް (ފޮޓޯ) ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި އެ ޕޯސްޓުގައި ފައްޔާޒް އިތުރަށް ވިދާޅުވީ، ޑިމޮކްރަސީގެ އަގުތައް ހިފެހެއްޓުމަށް އެ ޕާޓީގެ މެމްބަރުން ސަރުކާރާއެކު މަސައްކަތްކުރާނެ ކަމަށެވެ. އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެ ޕާޓީ އިން ވަނީ ނޫސްބަޔާނެއް ވެސް އާންމުކޮށްފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މަޖިލީހަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރާ މަޖިލީހަކަށް ވުމަށް އެދޭ ކަމަށެވެ. އަދި މަޖިލީހުން ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ ތަނަކަށް ވުމަށް އެދޭ ކަމަށް ވެސް ބުނެފައިވެއެވެ. އިތުރަށް އެ ބަޔާނުގައި ބުނީ، މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމަށްވާތީ، މަޖިލީހުގެ ގޮނޑިތައް މިއަދު ކާމިޔާބުކުރި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަން އެ ޕާޓީއަށް އެބައޮތް ކަމަށެވެ. ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހިރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ބަޔާނުގައި ދީފައިވެއެވެ. މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް މަޖިލީހުގެ 70 ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ. މީގެ ކުރިން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ލިބިފައިވަނީ 65 ގޮނޑިއެއެވެ. ސަރުކާރު ތަމްސީލުކުރާ ޕާޓީއަށް 70 ގޮނޑި ކާމިޔާބުކުރިއިރު ސަރުކާރަށް ތާއިދުކުރާ ފަސް ކެންޑިޑޭޓަކުވެސް ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ. އެއީ މާމިގިލި ދާއިރާ ކާމިޔާބު ކުރެެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު ސިޔާމް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް ހިމެނިވަަޑައިގަންނަވައެވެ. ނަތިއްޖާ ދައްކާ ގޮތުން އާބާދީ ބޮޑެތި ހުރިހާ ސިޓީއަކުން ޕީއެންސީން ވަނީ މެޖޯރިޓީ ހޯދާފައެވެ. މީގެ ކުރިން އެމްޑީޕީއަށް ޔަގީން ގިނަ ގޮނޑިތަކެއްވެސް ވަނީ ޕީއެންސީ ކޮޅަށް އެނބުރިފައެވެ. މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީ ތަމްސީލުކުރަމުން އައި ގިނަ މެންބަރުންނަށްވެސް މި ފަހަރު އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ