މާލެ: 31°C

ނަޝީދު ޔާމީނަށް ކުރެއްވި ތައުރީފަށް ރައީސް ފާޑުވިދާޅުވީ ނުސީދާކޮށް

January 19, 2023
2 ފަހަރު ބަލާފައި
ނަޝީދު ޔާމީނަށް ކުރެއްވި ތައުރީފަށް ރައީސް ފާޑުވިދާޅުވީ ނުސީދާކޮށް
ނަޝީދު ޔާމީނަށް ކުރެއްވި ތައުރީފަށް ރައީސް ފާޑުވިދާޅުވީ ނުސީދާކޮށް
ކުރީގެ ރައީސް ޔާމީނަކީ "މާ ތަފާތު ބޭފުޅެއް" ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ހިޔާލު ތަފާތުވަނީ އެންމެ ކަމެއްގައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައީސް އިބްރާހީމް މުަހައްމަދު ސޯލިހު މިއަދު ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރެއްވުމަށް ށ. ކަނޑިތީމުގައި މިއަދު ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި ކުރިމަތިވި އަނިޔާގައި އެކަމާ ދެކޮޅަށް އަޑުއުފުލަން މަގުމަތީގައި އުޅުނު މީހުން ދުލެއް ނުކުރެވޭނެ ކަމަށާއި އެ ފަސް އަހަރު ނުފެންނަ ބަޔަކަށް އެކަމުގެ އިހުސާސެއް ނުކުރެވޭނެ ކަމަށެވެ. އޭރު މަގުމަތީގައި އަޑުއުފުލުމުގެ ސަބަބުން ޖަލަށް ދާން ޖެހުނު ކިތަންމެ ބޭފުޅުންނެއް، ރައީސްގެ ޖަލްސާގައި ބައިވެރިވެވަޑައިގެން އެބަ ތިއްބެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އެހެންވީމާ އެއީ ނެތް ދުވަހެއް ކަމަށް ހަދާފައި، އެ ފަސް އަހަރު ނޫނީ އެ ހަތް އަހަރު، ނުފެންނަ ބަޔަކަށް އެ ދުވަހުގެ އިހުސާސްތަކެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ މެދު އެމަނިކުފާނު ކަންތައް ކުރެއްވި ގޮތް މުޅީން ހަނދުމަފުޅު ނައްތަވައިލައްވައިގެން އުޅުއްވާ ފަދަ މޭރުމަކުން ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. މިދިޔަ ހޯމަދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ވަރަށް ގިނަ ރަށްރަށުން ޕީޕީއެމް މެމްބަރުންނާ ބައްދަލުވި ކަމަށާއި އެމީހުން ވަރަށް ހިނިތުންވުމާ އެކު ވާހަކަދައްކާ ކަމަށެވެ. އެޕާޓީގެ ވިސްނުމާއި އެމަނިކުފާނުގެ ވިސްނުން ފުށު އަރަނީ އެންމެ މައްސަލައެއްގައި ކަަމަށާއި އެއީ "އިންޑިއާ އައުޓް ހަރަކާތް" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "ވަރަށް ގިނަ ރަށްރަުށުން ޕީޕީއެމްގެ ބޭފުޅުންނާ އަޅުގަނޑާ ދިމާވޭ. އަދި އެމީހުން ހިނިތުންވުމާ އެކީގައި އަޅުގަނޑާ ވާހަކަދައްކާ ވެސް ހަދާ. އަދި އޭގެ ގިނަ ގޭގެއިން ސައިތަށްޓެއް ވެސް ދީވެސް ހަދާ. އެހެންވީމާ އަޅުގަނޑަށް ފެންނަތަނުގައި ފުށުއަރާ މިއޮންނަނީ އެންމެ މައްސަލައެއް،" ނަޝީދު ވިދާޅުވި އެވެ. ޕީޕީއެމްއާ އެމަނިކުފާނާ ހިޔާލުތަފާތުވާ މައްސަލަ ކަމަށްވާ "އިންޑިއާ އައުޓް" ހަރަކާތުގެ މައްސަަލައަށް އެޕާޓީން ހައްލެއް ގެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ، އެޕާޓީގެ ލީޑަރު، އަދި ކުރީގެ ރައީސް ޔާމީނަށް ނަޝީދު މިއަދު ވަރަށް ތައުރީފުވެސް ކުރެއްވި އެވެ. ފުށުއަރާ މައްސަލަ ހައްލުކުރައްވަން ރައީސް ޔާމީނު ފުންކޮށް ވިސްނަވަން އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅވި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދާއި ދެބޭފުޅުން ގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެއާ އެކު އެ ދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން ވެސް އަންނަނީ އެކަމުގައި ބައިވެރިވަމުންނެވެ. ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ނަމާއި ލޯގޯ ބޭނުންކޮށްގެން "މުޅިން އެހެން ޕާޓީއެއް" އުފެއްދުމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ