މާލެ: 31°C

ނަޝީދު ވިދާޅުވަނީ ރައީސް މަޝްވަރާ ހުއްޓަވައިލެއްވީ "އަމިއްލަފުޅު ޕްރޮމޯޝަނަށް"ކަމަށް

January 22, 2023
2 ފަހަރު ބަލާފައި
ނަޝީދު ވިދާޅުވަނީ ރައީސް މަޝްވަރާ ހުއްޓަވައިލެއްވީ "އަމިއްލަފުޅު ޕްރޮމޯޝަނަށް"ކަމަށް
ނަޝީދު ވިދާޅުވަނީ ރައީސް މަޝްވަރާ ހުއްޓަވައިލެއްވީ "އަމިއްލަފުޅު ޕްރޮމޯޝަނަށް"ކަމަށް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރައްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެއީ ރައީސްގެ "އަމިއްލަފުޅަށް ފާހަގަވާން" ކަންތައް ކުރައްވާ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ކެމްޕޭން ދަތުރުފުޅުތަކެއް ނިންމަވައިލެއްވުމަށް ފަހު މިއަދު ބޭއްވެވި މީޑިއާ ބްރީފިން އެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހާ އެމަނިކުފާނާ މިހާރު އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެއީ ވެރިކަންކުރާ ކޯލިޝަންގެ އެހެން ޕާޓީތަކާ ގުޅުން ބޭއްވުމުގެ ނިޔަތުގައި ރައީސް ކަންތައްކުރައްވާ ގޮތެއް ކަމަށް ވެސް ނަޝީދު ތުހުމަތުކުރެއްވި އެވެ. "އިއްތިހާދާ ގުޅުން ބޭއްވުމުގެ ނިޔަތުގައި އަދި އަމިއްލައަށް ފާހަގަވުމުގެ ބޭނުމުގައި އަޅުގަނޑާ މަޝްވަރާކުރުން ވަނީ ހުއްޓަވައިލައްވާފައި. ރައީސުލް ޖުމްހޫރިއްޔާއާއި ކައިރީގައި ތިއްބަވާ ބޭފުުޅުން ދެކެވަޑައިގަންނަވަނީ އަޅުގަނޑާ މަޝްވަރާކޮށްފި ނަމަ ރައީސުލް ޖުމްހޫރިއްޔާ ޝައިންވާ މިންވަރު [ވިދާލާ މިންވަރު] ކުޑަވެގެން ދާނޭ،" ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ނަޝީދާއި ރައީސް ސޯލިހު ގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެކަން އެހެން ހިނގައި ނިމުމަށް ފަހު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާއަށް ރައީސް ސޯލިހު މަޖިލީހަށް ވަޑައިގަންނަވާ އިރު އެއީ ނަޝީދަށް ދަތިކަމަކަށް ވާނެތޯ ވެސް  މިއަދު ސުވާލުކުރެވުނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލިސް ހުޅުވުމަށް އަދި މަޖިލީހުގެ މަސައްކަތަށް އެއްވެސް ދައްޗެއް ނެތް ކަމަށެވެެ. އެހެން ނަމަވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށާއި ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރާ ގޮތަށް ވެސް އެމަނިކުފާނު ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ބިލުތައް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރައްވަން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ދޫކޮށްލެއްވީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވުމުންނެވެ. "މަޖިލީހުގައި ބޮޑު ކެޕޭސިޓީއެއް އެބަ އޮތް ބިލު ޑްރާފްޓްކުރުމުގެ، ބަންޑާރަނައިބުގެ ހަގީގަތުގައި ނުވެސް ނެތް އެ ކެޕޭސިޓީއެއް،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ފޮނުވާ ބިލުތައް އެތައް ފަހަރަކު ކަމުނުގޮސްގެން އަލުން ހަދަން ޖެހޭ ކަަމަށެވެ. އެފަދަ ބައެެއް ބިލު މަޖިލީހުގެ ކޮމިޓީތަކުގައި ޕާކުކޮށްފައި ބަހައްޓަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ