މާލެ: 31°C

ނަޝީދު ވިދާޅުވަނީ ޕްރައިމަރީ ކާމިޔާބުވެއްޖެ ކަމަށް، ކުރެއްވީ "ސެލެބްރޭޓް"!

January 26, 2023
2 ފަހަރު ބަލާފައި
ނަޝީދު ވިދާޅުވަނީ ޕްރައިމަރީ ކާމިޔާބުވެއްޖެ ކަމަށް، ކުރެއްވީ "ސެލެބްރޭޓް"!
ނަޝީދު ވިދާޅުވަނީ ޕްރައިމަރީ ކާމިޔާބުވެއްޖެ ކަމަށް، ކުރެއްވީ "ސެލެބްރޭޓް"!
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވޭނެ ކަން ޔަގީންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ އުފާފާޅުކުރައްވައިފި އެވެ. ޕްރައިމަރީއަށް އެމަނިކުފާނު ކުރައްވާ ކެމްޕޭނު ނިންމާ ޖަލްސާއެއްގެ ގޮޮތުގައި އާޓިފިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔައީ ވަރަށް ކުރު، ވަރަށް ތަފާތު ހަރަކާތެކެވެ. ސްޓޭޖްގެ ވަށައިގެން މީހުން ތިބޭ ގޮތަށް ރާވާފައިވާ އެ ޖަލްސާއަށް ނަޝީދު ވަޑައިގެންނެވި ގޮތަށް އަރާވަޑައިގެންނެވީ ސީދާ ސްޓޭޖަށޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ޖަލްސާއަށް ގޮސް ތިބި މީހުންނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާ އެކު ހޭދަކޮށްލެއްވީ އެހާ ވެސް ކުޑަ ވަގަތުކޮޅެކެވެ. ނަޝީދު ޕޯޑިއަމަށް އަރާވަޑައިގެންނެވުމުން ވެސް ޖަލްސާގައި ޖަހާފައި ހުރި ކެމްޕޭނު ލަވައިގެ އަޑެއް މަޑެއް ނުކުރެ އެވެ. ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއް ނަމަ ދެއްކެވީ،  މަޝްހޫރު ލަވަކިއުންތެރިޔާ މުޚުތާރުގެ އަޑުން ރެކޯޑްކޮށްފައިވާ އެ ލަވައިގެ މިއުޒިކާ ވެސް އެކުގަ އެވެ. ކޮންމެ ވާހަކަފުޅެއް ވިދާޅުވެފައި އަނެއްކާ ވެސް އެތައް އިރެއް ވަންދެން އެލަވަޔަށް އަތް ޖައްސަވަ އެވެ. "އަޅުގަނޑުމެން މި އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނަން" ހަމްދު ސަނާއާއި ސަލާމަށް ފަހު އެމަނިކުދާނު ވިދާޅުވި އެވެ. އޭގެ ފަހުން ވަކިވަން ވިދާޅުވަމުން ގެންދެވީ ޕްރައިމަރީއަށް ކުރެއްވި ކެމްޕޭނުގައި އެކި ރަށްރަށުގައި ތަކުރާރުކުރައްވާފައިވާ ވައުދުތަކެވެ. "އެންމެ ބޭފުޅުން އަޑު އައްސަވާތި، ޓެކްސް ކުޑަކުރާނަން" ނަޝީދު ވިދާޅުވި އެވެ. މިހާރު އުޅޭ ހާލުގައި އުޅޭކަށް ނުޖެހޭނެ ކަމަށާއި ތަކެތީގެ އަގު ކުޑަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އާމްދަނީ އިތުރުކޮށްދެއްވާނެ ކަމަށާއި ރައްޔިތުންނަށް ރައްކާކުރެވޭ ފައިސާ ދެގުނަކޮށްދެއްވާނެ ކަމަށް ވެސް މިއުޒިކާ އެކު އަތް ޖައްސަވަމުން އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުމެން  މިތިބީ މޮޅުވެފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނެ. އަޅުގަނޑުމެން  މިތިބީ މޮޅުވެފައި،" ނަޝީދު ވިދާޅުވި އެވެ. އެއަށް ފަހު އަނެއްކާވެސް ކުރިން ދެއްކެވި ވާހަކަފުޅުތައް ތަކުރާރު ކުރެއްވި އެވެ. މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްދީ، މަސްވެރިންގެ އާމްދަނީ އިތުރުކޮށްދޭނެ ކަމަށް އެގޮތުން ވިދާޅުވި އެވެ. މިއުޒިކާ އެކު ވަކިވަކިން ދެއްކެވި ވާހަކަކަފުޅުތަކަށް ފަހު އެމަނިކުފާނު ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވީ ހަމަ ކުއްލި ގޮތަކަށެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ