ނަޝީދު ވަޑައިގެން ނެތީސް ޕްރައިމަރީއަށް ހުޅުވައިލުމުން އާޒިމުގެ ނުރުހުން

ނަޝީދު ވަޑައިގެން ނެތީސް ޕްރައިމަރީއަށް ހުޅުވައިލުމުން އާޒިމުގެ ނުރުހުން
ލިޔުން:
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަން މާކުރިން އިއުލާނުކުރައްވާފައިވާ އެޕާޓީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާލޭގައި ވަޑައިގެން ނެތް ވަގުތެއްގައި ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅައިލުމުން މެދު ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަން އެޕާޓީން ދިނީ މިއަދުން ފެށިގެން ފަސް ދުވަހެވެ. އެކަމާ ނުރުހުން ފާޅުކުރައްވައި އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށެވެ. އެއީ "ހުތުރުކޮށް ކުރި ކަމެއް" ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
" ކޮންމެ ކަމެއް މިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ ރަނގަޅެއް ނުވާނެ. އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާނެ ކަމަށް މުހައްމަދު ނަޝީދު ވިދާޅުވަނިކޮށް ރަށުގައި ވަޑައިގެން ނޫޅުއްވަނީސް ތިޔަ ދިނީ އެންމެ ފަސް ދުވަހުގެ މުއްދަތެއް،" ޓްވީޓްގައި އާޒިމު ވިދާޅުވި އެވެ.
އާޒިމް މިހެން ވިދާޅުވި އިރު ޕްރައިމަރީގައި ވާދަކުރަން އެދޭ ފޯމާއި ވާދަކުރަން އެދޭ ފަރާތްތަކަށް ތާއީދުކުރާ ފަރާތްތަކުގެ ސޮޔާ އެކު ހުށަހަޅާ ތާއީދު ފޯމު އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް، ޕްރައިމަރީއަށް ހުޅުވައިލަން އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ބުންޏެވެ.
އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުރަސްމީކޮށް ދެބަޔަކަށް ބެހި، ދެ ފެކްޝަނެއް އުފެދިގެން އުޅޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެމްބަރުންގެ ފެކްޝަނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ ފެކްޝަނެވެ. އާޒިމް އަކީ ނަޝީދު ފެކްޝަނުގެ ބޭފުޅެކެވެ.
[embed]https://twitter.com/aliaazim/status/1604343787144105984?s=20&t=rYNnNCPdTGUMhBe-B1x4jA[/embed]
އެމްޑީޕީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ 4:00 އާ ހަމަ އަށެވެ. ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅޭނީ 500 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. އެއިއުލާނުގައިވާ ގޮތުން ޕްރައިމަރީގައި ވާދަކުރަން ހުށަހަަޅާ ފޯމާއި މެމްބަރުންގެ ތާއީދު ފޯމު ވެސް މިފަހަރު އޮންލައިންކޮށް ވެސް ފުރޭނެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ މުހުލަތު މިމަހުގެ 24 ގައި ހަމަވުމުން، އޭގެ ދެ ދުވަސް ފަހުން މިމަހުގެ 26 ވަނަ ދުވަހު ކެންޑިޑޭޓުންގެ ލިސްޓް އިއުލާނުކުރާނެ އެވެ. އެ އިންތިހާބުގައި ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓް އާއްމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހު ހުޅުވައިލާނެ އެވެ.
ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުހުލަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށާއި ވޯޓުލާމީހުންގެ ފައިނަލް ލިސްޓް އާއްމުކުރާނީ ޖެނުއަރީ ތިން ވަނަ ދުވަހު ކަމަށް ވެސް އެމްޑީޕީގެ އިއުލާނުގައި ބުންޏެވެ. ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ މަންދޫބުންގެ ނަންތައް ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން މިއަދު ހުޅުވައިލި އިރު އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާރު އިއުލާނުކުރައްވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދުގެ އަރިސް ބޭފުޅުން އެމަނިކުފާނަށް ކެމްޕޭންކުަރައްވާތާ ދުވަސްކޮޅެއް ވެފައި ވާއިރު، ރައީސް ސޯލިހު ވެސް މިހާރު ވަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވާނެ "ކެމްޕޭން މެނޭޖަރެއް" ކަނޑައަޅުއްވައިފަ އެވެ. އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރަކީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
