މާލެ: 31°C

ނަޝީދު ރަނިން މޭޓަކަށް ހަމަޖެއްސުމުގެ ހުށަހެޅުމެއް ނާދޭ: ގާސިމް

March 1, 2023
2 ފަހަރު ބަލާފައި
ނަޝީދު ރަނިން މޭޓަކަށް ހަމަޖެއްސުމުގެ ހުށަހެޅުމެއް ނާދޭ: ގާސިމް
ނަޝީދު ރަނިން މޭޓަކަށް ހަމަޖެއްސުމުގެ ހުށަހެޅުމެއް ނާދޭ: ގާސިމް
ރަނިން މޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނަވާ ގޮތަށް ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ހުށަހެޅުމެއް ލިބިވަޑައިގެންފައި ނުވާ ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ އެކަހަލަ މަޝްވަރާއެއްގެ ހުށަހެޅުމެއް އަދި ނާންނަ ކަމަށެވެ. އެފަދަ ހުށަހެޅުއްވުމެއް އޮތްކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "ނޫން ނޫން ނޫން. އަޅުގަނޑަކަށް އެނގިފައެއް ނެތް ރަނިން މޭޓަކަށް [ވެވަޑައިގަންނަވަން ނަޝީދު ހުށަހެޅުއްވި ކަމަކަށް]. އަދިއެއް ނާދޭ އެކަހަލަ މަޝްވަރާއަކަށް،" ގާސިމް ވިދާޅުވި އެވެ. ކޯލިޝަނެއް ހަދަން ޖުމްހޫރީ ޕާޓީން އިދިކޮޅު ޕީޕީއެމްއާ މަޝްވަރާކޮށްފައި ވޭތޯ ވެސް ނޫސްވެރިން ސުވާލުކުރި އެވެ. ގާސިމް ވިދާޅުވީ ކޯލިޝަނެއް ހަދަން އަދި އެއްވެސް ބަޔަކާ ވާހަކަ ނުދައްކަވާ ކަމަށެވެ. ޖެޕީ މިހާރު ވެސް އޮތީ އެމްޑީޕީއާއާއި އަދާލަތު ޕާޓީއާއި އެމްއާރްއެމާ އެކު ވެރިކަން ކުރާ ކޯލިޝަނުގަ އެވެ. ކޯލިޝަނެއް ހަދަން ޕީޕީއެމްއާ މަޝްވަރާ ކުރިތޯ ސުވާލު ކުރުމުން "މިހާރު ކޯލިޝަނެއްގައި ތިބި ބަޔަކު ކޯލިޝަން ހަދާކަށް ވާހަކައެއް ނުދައްކާނެ ނޫންތޯ" އޭ ވިދާޅުވެ، ގާސިމް ވެސް އުފެއްދެވީ ސުވާލެކެވެ. ގާަސިމް ވިދާޅުވި ގޮތުގައި ކޯލިޝަން ހެދުމާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީން އެއްވެސް ބަޔަކާ މަޝްވަރާކުރާނީ ރިޔާސީ އިންތިހާބަށް އެޕާޓީން ވަކިން ނުކުންނާނީތޯ ނުވަތަ ނޫންތޯ އެޕާޓީގެ ކައުންސިލުން ނިންމުމުންނެވެ. ކުރިން ބެލެވިފައި އޮތީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި އެކަމާ މެދު ގޮތެއް ނިންމާނެ ކަަމަށެވެ. ފެބްރުއަރީ މަހުގެ 24 އިން 26 އަށް ކުރިއަށް ގެންދިޔަ އެ ކޮންފަރެންސްގައި އެހެން ނަމަވެސް އެކަމާ މެދު ގޮތެއް ނުނިންމަ އެވެ. ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރެން ގޮވާލައި ގަރާރެއް އެ ކޮންފަރެންސްގައި އެކަމަކު ފާސްކުރި އެވެ. އެ ގަރާރު ފާސްކުރުމުން ގާސިމް ވިދާޅުވީ އެއީ އަމަލުކުރަން ލާޒިމު ގަރާރެއް ނޫން ކަމަށާއި އެ ގަރާރާއި މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އެ ކަން ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ