މާލެ: 31°C

ނަޝީދު ނުކުމެވަޑައިގެން ކެމްޕޭންޓީމުތަކާ ބައްދަލުކުރައްްވައިފި

January 30, 2023
2 ފަހަރު ބަލާފައި
ނަޝީދު ނުކުމެވަޑައިގެން ކެމްޕޭންޓީމުތަކާ ބައްދަލުކުރައްްވައިފި
ނަޝީދު ނުކުމެވަޑައިގެން ކެމްޕޭންޓީމުތަކާ ބައްދަލުކުރައްްވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު އާއްމުންގެ ތެރެއަށް ނުކުމެވަޑައި ނުގެން، ދެތިން ދަވަހު ހުންނެވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުކުމެ ވަޑައިގެން، އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވައިފި އެވެ. ކެމްޕޭން ޓީމުތަކާ އެމަނިކުފާނު ބައްދަލުކުރެއްވީ ދޮންމަނިކު ސްކައި ވިއު ރެސްޓޯރެންޓްގައި ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގަ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވަން އެޕާޓީން މިދިޔަ ހޮނިހިރުދުވަހު ބޭއްވި ޕްރައިމަރީގެ ނަތީޖާއާ މެދު އެމަނިކުފާނު ފުރަތަމަ ފަހަރަށް އެއްޗެއް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހާރާއި މިހާރުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުކަމަށް އެ މެސެޖްގައި އެއްބަސްވެވަޑައިގެންނެވި ނަމަވެސް ނަޝީދު ވިދާޅުވީ "އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ، ރައީސް ސޯލިހަށް ލިބުނު ކަމަށް ބުނާ ވަރަށް ގިނަ ވޯޓް އުނިވާނެ" ކަމަށެވެ. ކުޑަ ފަރަގަކުން ސޯލިހު މޮޅުވާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނަށް ތާއީދުކުރައްވަން ނަޝީދު ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާނެ ކެންޑިޑޭޓެއް ނިންމަވާނީ އަދި ފަހުން ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވީ ވޯޓުގެ 60 ޕަސެންޓަށް ވުރެ ބޮޑުބައި ހޯއްދަވައިގެންނެވެ. ޕްރައިމަރީގެ ކާމިޔާބީ ފާހަގަކުރަން އެމްޑީޕީ ހަރުގޭގައި ބޭއްވި އެއްވުމުގައި ރައީސް އެދިވަޑައިގެންނެވީ ވާދަވެރިކަން ނިމުމަކަށް ގެނެސް އެމްޑީޕީ އަލުން އެކަތިގަނޑެއްގެ ގޮތުގައި މަަސައްކަތް ކުރުމަށެވެ. އެމްޑީޕީއަކީ އަބަދުވެސް އެއް ވިސްނުމެއްގައި، އެއް މަގުސަދެއްގައި ކުރިއަށްދާ ޕާޓީއެއް ކަމަށާއި ޕްރައިމަރީގައި ފެޅިއަކަށް ބެހިފައި އޮތަސް، އެ ދެފަރާތުގައި އޮންނާނީ އެއް ވިސްނުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ