މާލެ: 31°C

ނަޝީދު މިފަހަރު ވިދާޅުވީ މަޖިލީހުން ރައީސަށް އެހީތެރިވާނެކަމަކަށް ނޫން!

February 6, 2023
2 ފަހަރު ބަލާފައި
ނަޝީދު މިފަހަރު ވިދާޅުވީ މަޖިލީހުން ރައީސަށް އެހީތެރިވާނެކަމަކަށް ނޫން!
ނަޝީދު މިފަހަރު ވިދާޅުވީ މަޖިލީހުން ރައީސަށް އެހީތެރިވާނެކަމަކަށް ނޫން!
ރައްޔިތުންގެ މަޖިލިސް 2022 ވަނަ އަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް ފަހު ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި މިއަދުގެ ރިޔާސީ ބަޔާނަށް ފަހު އެ މަނިކުފާނު ދެއްކެވި ވާހަކަފުޅު ވަރަށް ބޮޑަށް ތަފާތު ވެއްޖެ އެވެ. މިދިޔަ އަހަރު ރައީސް އިއްވެވި ރިޔާސީ ބަޔާނަށް ފަހު ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރައްވަން ނިންމަވާފައިވާ ކަންކަން ކުރެއްވުމުގައި ވީ އެންމެ ބޮޑަކަށް މަޖިލީހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ނަޝީދު އެ ފަހަރު ދެއްވީ ވަރަށް ޖޯޝާ ވެސް އެކުގަ އެވެ.
"އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާއަށް އިންތިހާއަށް ޝުކުރުދަންނަވަން. އަދި ރައީސުލް ޖުމްހޫރިއްޔާއަށް ޔަގީންކޮށް އަރުވަން މި އިއްޒަތްތެރި މަޖިލީހުން، މަނިކުފާނު ތިޔަ ކުރެއްވުމަށް ނިންމަވާފައިވާ ކަންކަން ކުރެއްވުމުގައި އަޅުގަނޑުމެނަށް ވީ އެންމެ ފުންމިނަކުން، ބޮޑުމިނަކުން އިރާދަކުރެއްވިއްޔާ އެހީތެރިކަން ފޯރުކޮށްދޭނަން،" ނަޝީދު އެ ފަހަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް މަޖިލިސް މިއަހަރަށް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަވައި ނިންމެވުމުން ނަޝީދު ވިދާޅުވީ "ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަން ތަންފީޒުކުރުމުގައި މަޖިލީހުގެ ބައިވެރިވުން ހިމެނޭ ހުރިހާ ކަމެއްގައި މަޖިލީހުގެ ދައުރު ފުރިހަމައަށް އަދާކުރާނެ ކަމަށެވެ.
"އިއްވަވައި ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަން ތަންފީޒުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ވާޖިބާއި މަސްއޫލިއްޔަތު އަދި ބައިވެރިވުން ހިމެނޭ ހުރިހާ ކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުރިހަމައަށް އަދާކުރާނެ،" ލިއުމެއް ބައްލަވައިގެން އިންނަވައި ނަޝީދު ވިދާޅުވި އެވެ.
މިއަދުގެ ރިޔާސީ ބަޔާނަށް ފަހު ނަޝީދު ދެއްކެވި ކުރު ވާހަކަކޮޅު އެމަނިކުފާނު ދެއްކެވީ ލިއުމެއް ބައްލަވައިގެން ކަމަށް ވިޔަސް މިދިޔަ އަހަރުގެ ރިޔާސީ ބަޔާނަށް ފަހު އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ އެގޮތަކަށް ނޫނެވެ. ރައީސް ކުރައްވަން ގަސްދުކުރައްވާ ކަންކަމަށް ވީ އެންމެ ބޮޑަކަށް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވުމުގެ އިތުރުން ރިޔާސީ ބަޔާނަށް ވެސް އެމަނިކުފާނު ތައުރީފު ކުރެއްވި އެވެ. "މިދިޔަ އަހަރު ދިމާވެފައިވާ ކަންކަމާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ކަންކަން ކިޔައިދެއްވައިފި. ކުރިއަށް އޮތް އަހަރުގައި ރައީސުލް ޖުމްހޫރިއްޔާ ގެންގުޅުއްވާނެ ސިޔާސަތުތައްް ސާފުކޮށް ހާމަކޮށްދެއްވައިފި. އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާއަށް އިންތިހާއަށް ޝުކުރު ދަންނަވަން،" ނަޝީދު އެފަހަރު ވިދާޅުވި އެެވެ. މިފަހަރު ރިޔާސީ ބަޔާނަށް ފަހު ނަޝީދު ވަރަށް ފިނި ގޮތަކަށް ވާހަކަފުޅުދައްކަވާފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ދުވަސްވަރާއި އެ އިންތިހާބަށް ފަހުގައި ވެސް، ރައީސް ސޯލިހާ އެމަނިކުފާނާ ދެމެދު ގުޅުން ވަރަށް ގޯސްވެފައި ވަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ