ނަޝީދުގެ ތާއީދާ ނުލައި ވެސް އިންތިހާބު ކާމިޔާބުކުރެވޭނެ: ފައްޔާޒް

ނަޝީދުގެ ތާއީދާ ނުލައި ވެސް އިންތިހާބު ކާމިޔާބުކުރެވޭނެ: ފައްޔާޒް
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ ނުލައި ވެސް އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވައިލާ ކޯލިޝަންގައި މިހާރު ހިމެނޭ ޕާޓީތަކުގެ އިސްވެރިންނާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސް ވެރިން ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ރައީސް ސޯލިހަށް ފާޑުވިދާޅުވާ ފާޑުވިދާޅުވުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. ޕާޓީގެ ލީޑަރުންނާ ދިމާލަށް މެމްބަރުން ބުނަން ބޭނުންވާ އެއްޗެއް ބުނުމަކީ އެމްޑީޕީގެ ސަގާފަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ފިޔަވަޅެއް އަޅަން އެމްޑީޕީން ގަސްދު ނުކުރާ ކަމަށާއި އެހެން ނަމަވެސް "ރިޔާސީ އިންތިހާބު އަލުން ކާމިޔާބުކުރާ އިރު ބާކީ ނުވާން" ނަޝީދަށް ނަސޭހަތްތެެރި ވެވަޑައިގަންނަވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"ރައީސް ނަޝީދުގެ ތާއީދާ ނުލައި ވެސް އިންތިހާބު ކާމިޔާބު ކުރެވިދާނެތޯ؟" ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ފުރަތަމަ ވިދާޅުވީ އެމަނިކުފާނުގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
"ހަމަ ވަރަށް ބޮޑަށް ބޭނުން ރައީސް ނަޝީދުގެ ތާއީދު. ހަމަ ވަރަށް ބޮޑަށް ބޭނުން. އެހެން ނަމަވެސް އެ ނުލިބިއްޖެ ކަމަށް ވިޔަސްް އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑުމެން ގޮސް ގެން ]ރިޔާސީ އިންތިހާބު] ކާމިޔާބުކުރާނަން. އަޅުގަނޑުމެން ބޭނުންވަނީ ރައީސް ނަޝީދާ ވެސް އެއްކޮށް ގޮސް މިކަން ކާމިޔާބުކުރަން،" ފައްޔާޒް ވިދާޅުވި އެވެ.
ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވާ އިރު އެމްޑީޕީން ފިޔަވަޅެއް ނާޅަނީ ކީއްވެތޯ ވެސް ނޫސްވެރިން ފައްޔާޒާ ސުވާލުކުރި އެވެ. އޭނާ ތަކުރާރުކޮށް ފުރަތަމަ ވިދާޅުވީ އެއީ އެހާ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. ޕާޓީގެ ފުލް ކޮންޓްރޯލް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަންބޮޑުވެ، އަޅުގަނޑުމެން ގުޑުގުޑެއް ނާޅާ މިކަންކަމާ މެދު. އަޅުގަނޑުމެން ފިޔަވަޅު އަޅައިގެނެއް ނޫން މިކަން މިކުރަނީ. އަދި އަޅުގަނޑުމެންގެ ސަރުކާރުގައި ވެސް ކަންކަން މިކުރަނީ. އެއީ އެއަށް ވުރެ އަޅުގަނޑުމެން ސްޓްރޯންގް،" ފައްޔާޒް ވިދާޅުވި އެވެ.
އެހުރިހާ ކަމަކާ އެކުގައި ވެސް ސަރުކާރު ހިންގުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް އެބަ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ޕާޓީގެ ކަންތައްތައް ވެސް ދަނީ ބާރަށް ކުރިއަށެވެ.
"އަޅުގަނޑުމެން ހަމަ ބަލައިގަންނަން، ރައީސް ނަޝީދަކީ މި ޕާޓީ އުފެއްދުމާއި ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަން. އެހެންވީމާ އަޅުގަނޑުމެންގެ އިހުތިރާމް ރައީސް ނަޝީދަށް އެގޮތަށް ދިނުމުގެ ގޮތުން އަޅުގަނޑުމެން އަދި ފަހަތަށް ބައެއް ފަހަރު ޖެހިލައިގެން މި ތިބެނީ. ކަންބޮޑުވެގެންނެއް ވެސް ނޫން، ބިރަކުންނެއް ވެސް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިޔަވަޅު އަޅަން ޖެހޭ ހާލަތަކަށް ގޮސްފިއްޔާ އަޅަން ޖެހޭ ފިޔަވަޅެއް، ކޮންމެ ބޭފުޅަކާ ދޭތެރޭގައި ވެސް އަޅާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
