މާލެ: 31°C

ނަޝީދުގެ ފޯމިއުލާއަކީ ސަބްސިޑީ ދީގެން މަހުގެ އަގު ވަގުތުން ބޮޑުކުރުން!

January 20, 2023
2 ފަހަރު ބަލާފައި
ނަޝީދުގެ ފޯމިއުލާއަކީ ސަބްސިޑީ ދީގެން މަހުގެ އަގު ވަގުތުން ބޮޑުކުރުން!
ނަޝީދުގެ ފޯމިއުލާއަކީ ސަބްސިޑީ ދީގެން މަހުގެ އަގު ވަގުތުން ބޮޑުކުރުން!
ރާއްޖޭގައި މަސްގަންނަ އަގު އަވަސްމަގުން ބޮޑުކުރެވޭނެ ފޯމިއުލާއެއްގެ ގޮތުގައި އަނެއްކާ ވެސް ސަރުކާރުން އިތުރު ސަބްސިޑީއެއް ދިނުމުގެ ހިޔާލެއް ރައްޔިތުންްގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޅުކުރައްވައިފި އެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތު ދިރާސާކުރުމަށް ފަހު ދުނިޔޭގެ މާލީ އިދާރާތަކުން މިދިޔަ ދެތިން އަހަރު ވެސް ބުނެފައި ވަނީ ސަރުކާރުން ވެލްފެއާއަށް ކުރާ ހަރަދު ކުޑަކުރަން ޖެހޭ ކަމަށެވެ. އެކިއެކި ކަންކަމަށް ސަރުކާރުން ދޭ ސަބްސިޑީ ކުޑަކުރަން މާލީ އިދާރާތަކުން އަބަދުވެސް ލަފާ ދެ އެވެ. މަސްވެރި ރަށެއްކަމަށްވާ ގދ. ފަރެސްމާތޮޑާގައި މިއަދު ބޭއްވެވި ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ މިހާރު މަސްގަންނަ ރޭޓަށް އަށް ރުފިޔާ އިތުރު ކުރުމަކީ ސަރުކާރުން ސަބްސިޑީއެއް ދީގެން ކުރެވިދާނެ ކަމެއް ކަމަށެވެ. އެކަމަށް ދައުލަތުގެ ބަޖެޓުން މަހަކު ހަރަދުކުރަން ޖެހޭނީ 20 މިލިޔަން ރުފިޔާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި މަހުގެ އަގު އުފުލުމަށް ޓަކައި އެމްޑީޕީގެ މެނިފެސްޓޯގައި ބުނާ ގޭދޮށު މަސްފެކްޓްރީތައް ގާއިމްކޮށް އެ މަސައްކަތް ހިނގައިގަންނަން ދެން ވަގުތީ ގޮތުން ކުރަން ޖެހޭ ކަމެކެވެ. "އަޅުގަނޑުމެން ހަމައެކަނި މުއްދަތެއް ހޭދަކުރަން މިޖެހެނީ މި މަސައްކަތްތައް ހިނގާންދެން. އެއީ އަށް ރުފިޔާ ކަނޑައެެޅިގެން ބަޖެޓުން ލާންވީ ވަގުތު. ސަރުކާރު ހިއްސާވާ ކުންފުންޏެއް، ރޯޑްކޯޕަރޭޝަން، ފެނަކަ، އެމީހުންގެ މުސާރަ، އޯވަހެޑް 20 މިލިޔަން ރުފިޔާ އިތުރަށް އެބަދޭ މިހާރު، ކުރީގައި ދިޔަ އެއްޗަކަށް ވުރެން،" ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ޕްރައިމަރީއާއި މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރައްވާނެ ކަމަށާއި އެއަށް ފަހު މަހުގެ އަގު އެގޮތަށް ބޮޑުކުރަން ވައުދުވެވަޑައިގަންނަވާ ކަަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ހިސާބެއް ޖަހައިފިން. ކަމާ ގުޅޭ މީހުންނާ އަޅުގަނޑު މަޝްވަރާވެސް ކުރިން. މިހާރު މިހިރަ 17 ރުފިޔާ 50 ލާރީގެ މައްޗަށް އަދި އަށް ރުފިޔާ އެބަ ލާން ޖެހޭ. އޭރުން މަހެއްގެ މައްޗަށް ސަރުކާރުން ހަރަދުކުރާން މިޖެހެނީ 20 މިލިޔަން ރުފިޔާ،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި 20 މިލިޔަން ރުފިޔާ ހަރަދުކުރާ ނަމަ އެކަމުން ވަރަށް ރަނގަޅު ނަތީޖާ ނުކުންނާނެ ކަމަށާއި އޭރުން މަހަށްދާ މީހަަކަށް މަހަކު 20،000.ރ ގެ އާމްދނީ އެއް ލިބޭނެ ކަމަށެވެ. ރާއްޖޭން މަސް އެކްސްޕޯޓް ކުރެވޭ އަގަށް ވުރެ ބޮޑު އަގެއްގައި ސަރުކާރުން މަސްގަތުމުގެ ސިޔާސަތެއް، ނަޝީދުގެ ވެރިކަމުގައި ގެންގުޅުއްވި ކަަމަށާއި އެކަމުގެ ސަބަބުން ސަރުކާރުގެ މަސް ކުންފުނި ބަނގުރޫޓުވި ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދި ފަހުން ނަޝީދަށް ފާޑުވިދާޅުވި އެވެ. މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ އޭރު ރާއްޖޭން މަސް އެކްސްޕޯޓްކުރަމުން އައީ ޓަނަކުން 290 ޑޮލަރު ގެއްލުންވާ ގޮތަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ