މާލެ: 31°C

ނަޝީދު ފެކްޝަނަށް ޔައުގޫބުގެ ވަރުގަދަ ރައްދެއް!

November 23, 2022
2 ފަހަރު ބަލާފައި
ނަޝީދު ފެކްޝަނަށް ޔައުގޫބުގެ ވަރުގަދަ ރައްދެއް!
ނަޝީދު ފެކްޝަނަށް ޔައުގޫބުގެ ވަރުގަދަ ރައްދެއް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ސަރުކާރާ ދެކޮޅަށް ދައްކަވާ ވާހަކަތަކަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މިއަދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ ބަޖެޓަށް މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް ވުރެ ވެސް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަނީ ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްްވާ މެމްބަުރުންނެވެ. އެބޭފުޅުން އެންމެ ބޮޑަށް ދައްކަވާ އެއް ވާހަކައަކީ ސަރުކާުރުގެ ރިކަރެންޓް ހަރަދު ބޮޑުކަމުގެ ވާހަކަ އެވެ. ބޭރުފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެ، ރާއްޖެ ބަނގުރޫޓުވާ ފަދަ ހާލަތެއް އޮތް ކަމަށް ވެސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ޔައުގޫބު ވިދާޅުވީ ސަރުކާރުގެ ހަރަދު ބޮޑުވެގެން އެންމެ ގިނައިން ވާހަކަދައްކަވަމުން ގެންދަވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކަމަށާއި އެހެން ނަމަވެސް އެންމެ ގިނަ ސިޔާސީ މަގާމުތައް ސަރުކާރުން ދީފައި އޮތީ ވެސް އިލްޔާސް އަށް (އޭނާ އެދިވަޑައިގަންނަވާ ބޭފުޅުންނަށް) ކަމަށެވެ. "ސަރުކާރަށް ފާޑުކިޔައި، ބަޖެޓަށް ފާޑުކިޔައި އަދި އެކިއެކި ސިޔާސަަތުތަކަށް ފާޑުކިޔާ އިރު އަޅުގަނޑުމެންނަށް އެނގިފައި އޮތީ ، މިސަރުކާރުން އެންމެ ގިނަ ސިޔާސީ މަގާމުތައް އެންމެ ގިނައިން ދީފައި އޮތް އެއް މެމްބަރޭ އެއީ،" ޔައުގޫބު ވިިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން އެހެން އޮތް އިރު އިލްޔާސް ސަރުކާރަށް އެހާ ވަރަށް ފާޑުވިދާޅުވާތީ ހިތާމަކުރައްވާ ކަމަށެވެ. އިލްޔާސް ހިތްހަމަޖެހިވަޑައިނުގަންނަވަނީ ސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮށްދޭން މަަސައްކަތްކުރާތީ ކަމަށް ވެސް ޔައުގޫބު ތުހުމަތުކުރެއްވި އެވެ. ރާއްޖެ ބަނގުރޫޓުވާން އުޅޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވަމުން ޔައުގޫބު ވިދާޅުވީ މިހަފުތާ ނިމޭ އިރު ރާއްޖެ ބަނގުރޫޓްވާނެ ކަމަށް އަޑުފަތުރާފައިވާ ކަމަށާއި އެހެންވީމާ މިހަފުތާގެ ބަންދުގައި "ރާއްޖެ ބަނގުރޫޓްވެއްޖެ ކަމަށް އިއުލާނު ނުކޮށްފިއްޔާ" ދެން ރާއްޖެ ބަނގުރޫޓުނުވާނެ ކަމަށެވެ. "ވަރަށް ގިނައިން މަޖިލީހުގެ ރިޔާސަތުން ދައްކާ ވާހަކައެއް މިއީ، ރާއްޖެ ބަނގުރޫޓުވާ ވާހަކަ، އަޅުގަނޑަށް އެންމެ ފަހުން މައުލޫމާތު ލިބުނީ ބުދަ ދުވަހު ބަނގުރޫޓުވާނެ ކަމަށް. އެހެންވީމާ އަޅުގަނޑުގެ ވާހަކައަކީ މިއަދު ބަނގުރޫޓު ނުވެއްޖެއްޔާ ދެން މިދައުލަތެއް ބަނގުރޫޓެއް ނުވާނެ އިރާދަކުރެއްވިއްޔާ،" ޔައުގޫބު ވިދާޅުވި އެވެ. ރާއްޖެ ބަނގުރޫޓުވާ ކަމަށް ވިދާޅުވެ ނަޝީދު ދައްކަވާ ވާހަކަފުޅު އެއީ ގައުމަށް ޓަކައި، ހެއުއެދިވަޑައިގެން ދައްކަވާ ވާހަކައެއް ކަމަށް ގަބޫލުކުރައްވާނީ އޭނާ ވިދާޅުވި ގޮތުގައި މިހަފުތާ ނިމޭ އިރު އެކަން އެގޮތަށް ވެއްޖެއްޔާ އެވެ. ޔައުގޫބު މިމޭރުމުން ވާހަކަ ދެއްކެވި އިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. މަޖިލީހުގެ މެމްބަރުންގެ ތެެރެއިން އެންމެ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުން އޭނާ ރިޔާސަތު ބަލަަހައްޓަވަން ޖެހިވަޑައިގެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އަދި ނައިބު ރައީސް އީވާ އަބްދުﷲ ތަޅުމުގައި ވަޑައިގެން ނެތުމުންނެވެ. މަޖިލީހުގެ ޖަލްސާތައް ބާއްވާ ކޮންމެ ދުވަހަކު ހެން މެންދުރު ފަހުގެ ވަގުތުތަކުގައި ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވަނީ އޭނާއަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ