މާލެ: 31°C

ނަޝީދަށް ރައްދުދޭން އެމްޑީޕީ ތައްޔާރެއް ނޫން!

February 3, 2023
2 ފަހަރު ބަލާފައި
ނަޝީދަށް ރައްދުދޭން އެމްޑީޕީ ތައްޔާރެއް ނޫން!
ނަޝީދަށް ރައްދުދޭން އެމްޑީޕީ ތައްޔާރެއް ނޫން!
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރެން ތާއީދު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވިދާޅުވުމަށް ރައްދުދޭން އެމްޑީޕީގެ އިސް ބައެއް އޮފިޝަލުން މިއަދު ދެކޮޅު ހައްދަވައިފި އެވެ. އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ސުވާލުކުރީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ކެންޑިޑޭޓަށް، ރިޔާސީ އިންތިހާބުގައި ތާއީދުނުުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވާ އިރު އެމަނިކުފާނާ ދެކޮޅަށް އެމްޑީޕީން ފިޔަވަޅެއް އަޅާނެތޯ އެވެ. އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދަކީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބެއް ކަމަށްވާތީ އެ ހައިސިއްޔަތުން އަދި ކޮމިޓީގެ މެމްބަރު އަނަސް އަބްދުއް ސައްތާރަކީ އެމްޑީީގެ ތަރުޖަމާނުކަމަށް ވާތީ އެ ހައިސިއްޔަތުން ޖަވާބުދެއްވަން އެ ނޫސްވެރިޔާ އެދުނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އިބްރާހީމް ވަހީދު ފުރަތަމަ ވިދާޅުވީ މީޑިއާ ބްރީފިން އަށް ވަޑައިގެންނެވީ އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށާއި އެ ސުވާލަށް މިވަގުތު ދޭނެ ޖަވާބެއް ނެތް ކަމަށެވެ. "އަޅުގަނޑުމެން މިއަދު ހެނދުނު އައިއްސުރެ ވެސް މި ދައްކަނީ ހަަމަ ޕްރައިމަރީގެ ވާހަކަ ޕްރައިމަރީ ފުރަތަމަ ހިނގާ ނިންމައިލަމާ،" ވަހީދު ވިދާޅުވި އެވެ. ނަޝީދު ގޮފި ހައްދަވައިގެން ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާނެ ބޭފުޅަކު ނިންމަވާނީ ފަހުންނޭ ވިދާޅުވާ އިރު އެކަމާ ޕާޓީން ފިޔަވަޅެއް ނާޅާނަންތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ވަހީދާއި އަނަސް ވެސް ވިދާޅުވީ "ގޮފި ހަދައިގެން ހިންގުމަކީ އެމްޑީޕީގެ އަސާސީ ގަވައިދުން ޖަގަދޭ" ކަމެއް ކަމަށެވެ. ނޫސްވެރިޔާ އެ ސުވާލު ދޫނުކުރުމުން ވަހީދު ވިދާޅުވީ "ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް ޕާޓީގެ ރައީސް އަމަލުކުރައްވާނެކަމަށް ހީނުވާ ކަމަށެވެ. "ވަރަށް ގިނަ ބޭފުޅުން ވިދާޅުވި ނަތީޖާ ގަބޫލެއް ނުކުރައްވައޭ. ހަމަ  ނޫސްތަކުގައި ވެސް އޮތް. އެކަމަކު ހަމަ ނަތީޖާ ވެސް ގަބޫލުކުރައްވާފައި އެހުންނެވީ. އަޅުގަނޑަކަށް ހިއެއް ނުވޭ ހަމަ ޕާޓީގެ ކެންޑިޑޭޓާ އިދިކޮޅަކަށް ޕާޓީގެ ރައީސް އެއްވެސް ގޮތަކަށް އަމަލުކުރައްވާނެ ހެނެއް. އަޅުގަނޑު ދެކޭ ގޮތް މިބުނީ އަދި މަގާމުގެ ހައިސިއްޔަތުން ވެސް ގަބޫލެއް ނުކުރަން ޕާޓީގެ ރައީސް ޕާޓީގެ ކެންޑިޑޭޓާ އިދިކޮޅަކަށް މަސައްކަތް ކުރައްވާނެ ކަމަކަށް،" ވަހީދު ވިދާޅުވި އެވެ. ނަޝީދާއި އެމަނިކުފާނު އުފައްދަވާ "ފިކުރެއްގެ ދިރުން" ގޮފިން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައިސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރާނެ ކަމަށެވެ. އެކަމުގައި އެމްޑީޕީގެ ސްޓޭންޑަކީ ކޮބައިތޯ ސުވާލުކުރުމުން ވަހީދު ވިދާޅުވީ ޕާޓީގެ ސްޓޭންޑަކީ ޕާޓީގެ އަސާސީ ގަވައިދު ކަމަށެވެ. "ޕާޓީގެ ކެންޑިޑޭޓް އެހެރީ ހޮވައި ނިމިފައި. އެކެންޑިޑޭޓާ އެއްކޮށް އަޅުގަނޑުމެން ކުރިއަށް ދާނީ،" އޭނާ ވިދާޅުވި އެވެ. " އެނޫން ގޮތަކަށް އަމަލުކުރާ ނަމަ ފިޔަވަޅެއް އަޅާނެތޯ" ސުވާލުކުރުުނުން، އޭނާ ވިދާޅުވީ އަދި އެގޮތަށް އަމަލުނުކުރަައްވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ