މާލެ: 31°C

ނަޝީދަށް ރައީސް ސޯލިހުގެ ވަރުގަދަ ރައްދެއް!

January 4, 2023
2 ފަހަރު ބަލާފައި
ނަޝީދަށް ރައީސް ސޯލިހުގެ ވަރުގަދަ ރައްދެއް!
ނަޝީދަށް ރައީސް ސޯލިހުގެ ވަރުގަދަ ރައްދެއް!
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައިސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނާ ދެކޮޅަށް މިހައިތަށް ދެއްކެވި ގިނަ ވާހަކަފުޅު ތަކަށް ރައީސް ސޯލިހު މިރޭ ވަރުގަދަ ރައްދުތަކެއް ދެއްވައިފި އެވެ. ރާއްޖޭގައި މިއަހަރު ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބުގެ މާ ކުރިން ފެށިގެން ވެސް ރައީސް ސޯލިހުގެ ސަރުކާރަށް ނަޝީދު ގެންދެވީ އެކި ގޮތް ގޮތުން ފާޑުވިދާޅުވަމުންނެވެ. އެހެން ނަމަވެސް އެމަނިކުފާނު މީގެ ކުރިން މިހާ ސީދާ ގޮތެއްގައި ނަޝީދަކަށް ރައްދެއް ނުދެއްވަ އެވެ. އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު އެންމެ ފުރަތަމަ ރައްދު ދެއްވީ "ކުޑަރަށެއް ބޮޑުރަށެއް ނުބަލައި" މަޝްރޫއުތައް ހިންގާތީ ނަޝީދު ވިދާޅުވަމުން ގެންދަވާ ފާޑުވިދާޅުވުންތަކަށެވެ. ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސްް ސޯލިހު ވިދާޅުވީ ފަރުދަކަށް ވީތީ ލިބެން ޖެހޭ އަސާސީ ހިދުމަތްތަކެއް އެބަހުރި ކަމަށާއި އެ ހިދުމަތްތައް ދޭން ގާނޫނު އަސާސީން ސަރުކާރަށް ލާޒިމުކުރާ ކަމަށެވެ. "އާބާދީ ބޮޑުވީމާ ކޮށްދޭން ޖެހޭ ކަންތައްތަކެއް އެބަހުރި. ސިޓީތަކަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް އެބަހުރި. އަޅުގަނޑު މިދަނީ ސިޔާސ ފިކުރެއް ބެލުމެއް ނެތި. ރައްޔިތުންނަށް ބޭނުންވާ މިކަންތައްތައް ކޮށްދެމުން،" ރައީސް ވިދާޅުވި އެވެ. ރިޔާސީ އިންތިހާބަށް ޓިކެޓް ހޯއްދަވަން އެމަނިކުފާނު ނުކުންނެވީ އެގޮތުން ފަށާފައިވާ މަސައްކަތްތައް ނިންމަވައިލެއްވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ނަޝީދުގެ ވެރިކަމުގައި ކުރި މަސައްކަތްތަކާއި މިހާރު ކުރަމުން އަންނަ މަސައްކަތް އެމަނިކުފާނު އަޅައިވެސް ކިއުއްވި އެވެ. "އަޅުގަނޑުމެންގެ ފުރަތަމަ ސަރުކާރުގައި ދެހާސް އަށަކުން 2012 އަށް އޮތް ސަރުކާރުގައި، ހަމަ އެކަނި ފެނުގެ ، ސޮއިކުރެވިފައި އޮތީ އެންމެ ޕްރޮޖެކްްޓެއްގައި. އެންމެ ރަށެއްގައި ފެނުގެ ނިޒާމު ގާއިމްކުރުމަށް. ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ދެހާސް އަށަކުން 2012 އަށް ސޮއިކުރެވިފައި އިނީ އެންމެ އަށް ރަށުގައި. އެހެން ނަމަވެސް މިއަދު، 2018 ގައި މި އުފެދުނު އެމްޑީޕީގެ ސަރުކާރުން 141 ރަށުގައި މިދަނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރަމުން،" ރައީސް ވިދާޅުވި އެވެ. މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ވިދާޅުވެ، ނަޝީދު ދައްކަވާ ވާހަކަފުޅަށް ވެސް ރައީސް ސޯލިހު މިރޭ ރައްދު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތަފުސީލު ފެންނަން އެބަހުރި ކަމަށާއި މިހާރު ވެސް 8،000 އަށް ވުރެ ގިނަ ފްލެޓްގެ މަސައްކަތް އަމަލީ ގޮތުން ހިނގަމުން އެބަ އަންނަ ކަމަށެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތާ ބެހޭ ގޮތުން ފުވައްމުލަކުގައި ނަޝީދު އިއްޔެ ދެއްކެވި ވާހަަކައަކީ ރައިސް ވިދާޅުވި ގޮތުގައި އިތުރުފުޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ