މާލެ: 31°C

ނަންހިނގާ ދިވެހި ރަހައެއް އީޖާދުކުރަން ޖެހޭ: ރައީސް

November 20, 2022
2 ފަހަރު ބަލާފައި
ނަންހިނގާ ދިވެހި ރަހައެއް އީޖާދުކުރަން ޖެހޭ: ރައީސް
ނަންހިނގާ ދިވެހި ރަހައެއް އީޖާދުކުރަން ޖެހޭ: ރައީސް
ބައިނަލް އަގުވާމީ ގޮތުން މަޝްހޫރުވެ، "ނަންހިގާ" ދިވެހި ރަހައެއް އީޖާދުކުރުމުގައި ދިވެހި ޝެފުންތަކެއް އިސްނަގަން އެދިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ. ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ރޭ ބޭއްވި ޝެފްސް އެވޯޑް ހަފުލާ ޝަރަފުވެރިކޮށްދެއްވައި އެ ހަފުލާފައި ރައީސް ވިދާޅުވީ ދިވެހި ރަހަތަށް ވިލާތުގެ އަރުތަކަށް (ޔޫރަޕް މީހުންނަށް) ހެޔޮވަރު ކޮށްދެވިއްޖެއްޔާ، ކަލިނަރީ ދާއިރާއިން ރާއްޖޭގެ މުޅިިން އާ ބްރޭންޑެއް އުފަންވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ދިވެހި ރަހަތަކާއި ވިލާތުގެ ރަހަތައް ގުޅުވައިގެން މުޅިން އާ ރަހަތައް އުފެއްދުމުގެ އީޖާދީ ވިސްނުން ދިވެހިންގެ ކިބައިގާ ހުންނާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހު ބުނަނީ ދިވެހިންނަށް އެކަން ވާނެކަމަށް. ބައިނަލް އަގުވާމީ މުބާރާތްތަކުގައި ދިވެހި ޝެފުން ބައިވެރިވެ އެހޯދާ ރަންވަނަ ތަކަކީ މިދެންނެވި ގާބިލުކަން ދިވެހިންގެ ކިބައިގައި ހުރިކަމުގެ ހެއްކެއް. ބޭނުންވަނީ އެކަމުގައި އިސްނަގާނެ ދިވެހި ޝެފުން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރޭ އެވޯޑް ހާސިލުކުރެއްވި ބޭފުޅުންގެ ކިބައިގައި އެ ހުނަރާއި ފަންނު ހުންނާނެކަން އެމަނިކުފާނަށް ޔަގީންވެވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ޝެފުން ވެސް އެކަމާ ދޭތެރޭ ވިސްނުން ހިންގަން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެފަދަ ރަހައެއް އުފެއްދިއްޖެއްޔާ އެއީ ގައުމަށް ލިބޭ ވަރަށް ރީތި ނަމަކަށް ވާނެ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަަށެވެ. "އޭރުން ނަންހިނގާނީ ހަމަ އެކަނި އިޓާލިއަން ޕިއްޒާއާއި ހައިދަރު އާބާދީ ބިރިޔާނީއެއް ނޫން. އޭރުން ޖަޕާނުގެ ސޫޝީއާއި ތުރުކީގެ ދޯނާ ކަބާބާ ވިދިގެން ކިޔާނެ ދިވެހި ނަމެއް ވެސް އޮންނާނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ދިވެހި ޝެފުންގެ އެެފަދަ އިސްނެގުމަކަށް ވަރަށް އިންތިޒާރު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މާ ދުރުނޫން މުސްތަގުބަލެއްގައި އެކަން ހާސިލުވާން އުއްމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ދިވެހި ޝެފުން ކުރައްވާ މަސައްކަތަށް ރައީސް ސާބަސް ދެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ