މާލެ: 31°C

ނައިބް ރައީސް، ސޭޝެލްސްގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ނައިބް ރައީސް، ސޭޝެލްސްގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
June 12, 2023
2 ފަހަރު ބަލާފައި
ނައިބް ރައީސް، ސޭޝެލްސްގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިޔާގެ އޮފީހުގައެވެ. އެ ބައްދަލުކުރެއްވުމުގައި ނައިބު ރައިސް ދެއްކެވި ވާހަކަފުޅުގައި، ސޭޝެލްސްގެ ރައީސަށް ރާއްޖެއިން މަރުހަބާ ދެންނެވުމަކީ، ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށާ ރައީސް ސޯލިހްގެ މިވެރިކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާތަން ފެނިވަޑައިގަންނަވާތީ އުފާފުޅުކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ. އެ ބައްދަލުކުރެއްވުމުގައި، ނައިބް ރައީސްް އާއި ސޭޝެލްސްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ ސޭޝެލްސްގެ މެދުގައި އޮތް ގާތް ރަހްމަތްތެރިކަމުގެ ގުޅުން މިދަތުރުފުޅުން ހާމަވެގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ދެގައުމުގެ މަސްލަހަތު ހިމެނޭ ދެގައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، ފަތުރުވެރިކަމާ، މޫސުމަށް އަންނަ ބަދަލުތަކާ، ޒުވާނުންގެ ތަރައްގީގައި އެއްބާރުލުން ދެއްވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަކީ އުފެއްދުންތެރި މަޝްވަރާތަކެއްކަމަށާއި، އެމަޝްވަރާތަކުން ދެގައުމުގެ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެކަމަށް ޔަގީން ކުރައްވާކަމުގައިވެސް އެމަނިކްފާނު ވިދާޅުވިއެވެ. ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ނައިބް ރައީސްް އާއި ސޭޝެލްސްގެ ރައީސް ވަނީ، އިތުރު ދާއިރާތަކުން ދިވެހިރާއްޖެއާ ސޭޝެލްސްއިން ގުޅުން ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ދިވެހިރާއްޖެއިން، ސޭޝެލްސްއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ، 1 ޖުލައި 1980 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ