މާލެ: 31°C

ނަފުސާނީ ފަރުވާ މުޅި ރާއްޖެއަށް ތައާރަފްކުރަން މަސައްކަތް އެބަކުރަން: ރައީސް

December 6, 2022
2 ފަހަރު ބަލާފައި
ނަފުސާނީ ފަރުވާ މުޅި ރާއްޖެއަށް ތައާރަފްކުރަން މަސައްކަތް އެބަކުރަން: ރައީސް
ނަފުސާނީ ފަރުވާ މުޅި ރާއްޖެއަށް ތައާރަފްކުރަން މަސައްކަތް އެބަކުރަން: ރައީސް
ނަފުސާނީ ބަލިތަކަށް ފަރުވާކުރުމުގެ ހިދުމަތް މުޅި ރާއްޖެއަށް ތައާރަފްކޮށް، އަތޮޅު ހޮސްޕިޓަލްތަކުގައި ވެސް އެ ހިދުމަތްދޭން ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ނަފުސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭން ފަށަން ދަރުބާރުގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަތޮޅު ހޮސްޕިޓަލްތަކުގެ އިތުރުން ޕްރައިމަރީ ހެލްތުކެއާ ނިޒާމުގެ ތެރެއިން ރަށް ރަށަށް ވެސް ނަފުސާނީ ފަރުވާގެ ހިދުމަތް ފުޅާކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައި މިހާރު ވެސް އެ ހިދުމަތް އަންނަނީ ދެމުންނެވެ.
"އަތޮޅު ހޮސްޕިޓަލްތަކުގައިވެސް ނަފްސާނީ ފަރުވާ ތަޢާރަފްކޮށް، ތެރަޕީއާއި ކައުންސިލްގެ ޚިދުމަތް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން. ރަށު ފެންވަރުގައި މި ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން އެ ޚިދުމަތް ދިނުމަށްވެސް ސަރުކާރުން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނަފުސާނީ ބަލިތައް ތަހައްމަލުކުރަމުން އަންނަ މީހުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް އެއީ ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަދި އަމުދުން ނުކޮށް ދޫކޮށްލައިގެން ތިބެވެން އޮތް ކަމެއް ވެސް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ. ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ޒަމާނުއްސުރެ އެކަމަށް އަޅައިނުލެވި އޮތުމުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ނަފްސާނީ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމާ މެދު ރާއްޖޭގައި ހޭލުންތެރިކަން ކުޑަވުން ކަމަށް ވެސް ވިދާޅުވި އެވެ. ނަފްސާނީ މައްސަލައެއް ފާހަގަވުމުން އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ހޯދަނީ ސައިކޮލޮޖިސްޓެއް، ކައުންސެލަރެއް، ނުވަތަ ތެރަޕިސްޓެއްގެ އެހީތެރިކަން ކަމަށާއި އެހެން ނަމަވެސް އެއަށް ވުރެ ކުރިން އެޅެން ހުރި ފިޔަވަޅުތައް އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. "އާއިލާއާއި ރައްޓެހިންނަކީ އެންމެ ގާތުން އަދި އެންމެ އަވަހަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ މީހުން. އަދި މިފަދަ ކަންކަމުގައި އެހީތެރިވެދޭ އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތައް ނުވަތަ ސަޕޯޓް ގްރޫޕްތަކުގެ އެހީތެރިކަން ވެސް ހޯދިދާނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ނަފުސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނުގެ ބޭނުމަކީ ވެސް އެޔެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ