މާލެ: 31°C

މުޒާހަރާއަށް ދިޔައީ ހައްޔަރުވާކަށް ނޫން، ހައްޔަރުކުރިޔަސް ހެޔޮކަމަށް: މުއިއްޒު

January 4, 2023
2 ފަހަރު ބަލާފައި
މުޒާހަރާއަށް ދިޔައީ ހައްޔަރުވާކަށް ނޫން، ހައްޔަރުކުރިޔަސް ހެޔޮކަމަށް: މުއިއްޒު
މުޒާހަރާއަށް ދިޔައީ ހައްޔަރުވާކަށް ނޫން، ހައްޔަރުކުރިޔަސް ހެޔޮކަމަށް: މުއިއްޒު
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމްޕީއެންސީން ރޭ ކުރި މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވަން މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަޑައިގެންނެވީ ހައްރުވެވަޑައިގަންނަވަން ތައްޔާރުވެގެން ކަމަށް ލަފާކޮށް" މިނިވަން" އިން ޖެހި ޚަބަރެއްގައި ލަފާކުރުމުން އެވާހަކަތަކަށް އޭނާ މިއަދު ރައްދު ދެއްވައިފި އެވެ. މުއިއްޒު ވިދާޅުވީ މުޒާހަރާއަށް އޭނާ ވަޑައިގަންނަވަނީ ހައްޔަރުވާން ނޫން ކަމަށާއި އެކަމަކު "ހައްޔަރުކުރިޔަސް ހެޔޮކަމަށް" ބައްލަވައިގެން ކަމަށެވެ. މުއިއްޒު މުޒާހަރާއަށް ވަޑައިގެންނެވީ ހައްޔަރު ވެވަޑައިގަންނަވަން ތައްޔާރު ވެވަޑައިގެން ކަމަށް ބެލެވުނީ، އޭނާ ހައްޔަރުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އެކަން ކުށްވެރިކޮށް ސިޓީ ކައުންސިލުން ބަޔާން ނެރުން ފަދަ ބައެއް ސަބަބުތަކާ ހެދި އެވެ. "އަޅުގަނޑު ދަނީ ހައްޔަރުވާކަށް ނޫން، ހައްޔަރުކުރިޔަސް ހެޔޮކަމަށް. ކޮންމެ ރެއަކު ވެސް އެ ޕޮސިބިލިޓީ އޮތް ކަމަށް ގަބޫލުކޮށްގެން. ކެރިގެން ދަނީ މި އަނިޔާވެރި ސަރުކާރުގެ ކުރިމަތީގައި ފަހަތަށް ނުޖެހެން ވެގެން،" މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ހައްޔަރުކުރުމުން އެކަން ކުށްވެރިކޮށް ސިޓީ ކައުންސިލުން ރޭ ބަޔާން ނެރުމުގައި ، އެގޮތަށް (އޭނާ ވަޑައިގެންނެވީ ހައްޔަރުވާން ކަމަށް ) މާނަ ކުރެވޭ ފަދަ ކަންތައްތަކެއް ހުރި ކަމަކަށް ވެސް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޓީކައުންސިލްގެ ލޯޔަރުން އަބަދުވެސް ރޭގަނޑު އެ ކައުންސިލްގައި މަސައްކަތް ކުރައްވަ އެވެ. އަދި ރޭ ނެރުނު ބަޔާން އެކުލަވައިލަން އެހާ ގިނަ ވަގުތު ހޭދަވާ ވަރުގެ ބަޔާނެއް ވެސް ނޫނެވެ. "ގިނަވެގެން 10 މިނެޓް ބޭނުންވާނީ އެވަރުގެ ބަޔާނެއް ތައްޔާރުކުރަން،" ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ. މުއިއްޒު ހައްޔަރުކުރި ގަޑިއެއްގެ ގޮތުގައި ސިޓީކައުންސިލްގެ އޮފިޝަލް ވިދާޅުވީ 9:51 އެވެ. ބަޔާން ނެރުނީ އޭނާ ވިދާޅުވި ގޮތުގައި 10:16 ގަ އެވެ. އެގޮތަށް ބަލާ ނަމަ އޭނާ ހައްޔަރުކުރުމާއި ބަޔާން ނެރުމާ ދޭތެރޭ 24 މިނެޓް ހޭދަވި އެވެ. އެހެން ނަމަވެސް މުޒާހަރާ ކުރި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެެރިވި "މިނިވަން"ގެ ނޫސްވެރިންނަށް ނޯޓްކުރެވިފައިވާ ގޮތުގައި ފުލުހުން މުއިއްޒު ހައްޔަރުކުރީ 10:12 ގަ އެވެ. އެގޮތަށް ބެލުމުން، އޭނާ ހައްޔަރުކުރުމާއި ބަޔާން ނެރުމާ ދޭތެރޭގައި ހޭދަވީ އެންމެ ހަތަރު މިނެޓެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ