މާލެ: 31°C

މުލީ އެއާޕޯޓްގެ 85 ޕަސެންޓް މަސައްކަތް ނިންމައިފި

January 27, 2025
274 ފަހަރު ބަލާފައި
މުލީ އެއާޕޯޓްގެ 85 ޕަސެންޓް މަސައްކަތް ނިންމައިފި
މުލީ އެއަރޕޯޓުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. އެމްޓީސީސީން ބުނި ގޮތުގައި މިހާރު ކުރަމުންދަނީ އިމާރާތްތަކުގެ ފިނިޝިންގ މަސައްކަތްތަކެވެ. އެއަރޕޯޓްގެ ރަންވޭ ވަށައިގެން ހިއްކަން ޖެހޭ ސަރަޙައްދު ހިއްކުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

މުލީ އެއަރޕޯޓުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. އެމްޓީސީސީން ބުނި ގޮތުގައި މިހާރު ކުރަމުންދަނީ އިމާރާތްތަކުގެ ފިނިޝިންގ މަސައްކަތްތަކެވެ. އެއަރޕޯޓްގެ ރަންވޭ ވަށައިގެން ހިއްކަން ޖެހޭ ސަރަޙައްދު ހިއްކުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

މުލަކަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އެއް އަތޮޅެވެ. މ. މުލީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފަވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.

ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން އެ ކުންފުނިން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، މުޅި އެއަރޕޯޓްގެ އިމާރަތްކުރުމާ ގުޅޭ %85 މަސައްކަތް މުޅިން ނިމިފަވަކަމަށެވެ. މިވަގުތު ކުރަމުންދަނީ ޓަރމިނަލާއި އެހެނިހެން އިމާރާތްތަކުގައި ކުރަންހުރި ފިނިޝިންގ މަސައްކަތްތައްކަމަށެވެ. އެއަރޕޯޓުގެ ރަންވޭގެ ހުރިހާ މަސައްކަތްތައްވެސް މިހާރު މުޅިން ނިމިފަވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މީގެއިތުރުން މިވަގުތު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުން ކުރަމުންދަނީ، ޓަރމިނަލަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްތައްކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މުލީ އެއަރޕޯޓްގެ މަސައްކަތުގައި ބިން ހިއްކަން ޖެހޭ ސަރަހައްދެއްވެސް ހިމެނެއެވެ. އެމްޓީސީސީން ވިދާޅުވީ ބިން ހިއްކަނީ ރަންވޭގެ ވަށައިގެންކަމަށެވެ. އެ މަސައްކަތުގައިވެސް އެއަރޕޯޓު ރަންވޭ ވަށައިގެން ހިއްކާ ސަރަޙައްދުގެ ބޮޑު ހިލައިގެ ރިވެންޓްމަންޓްގެ މަސައްކަތް ނިންމާ، ހިއްކަން ޖެހޭ ހިސާބަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ޖުމްލަކޮށް ބަލާއިރު ބިން ހިއްކުމާ ގުޅޭ %90 މަސައްކަތް ވަނީ ނިމިފައެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ހާމަކުރާ ގޮތުގައި، ކުރިއަށް އޮތް 2 މަސްތެރޭގައި މަސައްކަތްތައް ނިންމާ، ރަންވޭއަށް ޓެސްޓް ފްލައިޓް ބޭއްވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މުލީ އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެއްގެ ގޮތުގައެވެ. 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓުގެ މަޝްރޫޢަށް ސަރުކާރުން 221 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

މުލަކަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އަތޮޅުގެ އާބާދީ އުޅެނީ 8000 އިން ދަށުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ