މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދޮގު ބަޔާނުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދޮގު ބަޔާން ދިނުމުގެ ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ނިންމިއިރު، އެ ދައުވާއާއި ގުޅިގެން މައްސަލައިގައި ހިމެނޭ ހަސްމުން ހުލާސާ ބަޔާން އިއްވުން އޮތީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.
މުއިއްޒު ދޮގު ބަޔާނެއް ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ހައުސިން ޔުނިޓުތަކެއް ހެދުމަށް ނޫމަޑި ކުންފުންޏާއެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރުމުން ނޫމަޑިން 155 މިލިއަން ޑޮލަރު ހޯދަން ނެދަލޭންޑްސްގައި ހުންނަ ޕާމެނެންޓް ކޯޓު އޮފް އާބިޓްރޭޝަންނަށް ހުށަހެޅި މައްސަލައިގަ އެވެ. ނޫމަޑިއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ.
މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ވަނީ އެ ބަޔާން ދެއްވީ މުއިއްޒުކަން ޝަރީއަތަށް ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މުއިއްޒު ދެއްވި ކަމަށް ބުނާ ބަޔާނުގައިވާ ސޮއި އަކީ މުއިއްޒުގެ ސޮއިކަން ވެސް ތަހުގީގު މެދުވެރިކޮށް ދައުލަތަށް ޔަގީންކޮށްދެވިފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ބަޔާނުގައި އޮތް ސޮޔަކީ މުއިއްޒުގެ ސޮއިކަން ސާބިތު ކުރަން ތަހުގީގަށް ކުރެވުނު މަސައްކަތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މުއިއްޒާއި ދެކޮޅަށް ދައުލަތުން ފަސް ހެކިވެރިއެއް ހުށަހެޅިއިރު މުއިއްޒު ގެ ފަރާތުން 11 މީހަކު ހެކީގެ ގޮތުގައި ހުށަހެޅުއްވި އެވެ. މުއިއްޒުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި އާބިޓްރޭޝަނަށް ދިން ކަމަށް ބުނާ ބަޔާނުގައި ކޮށްފައިވާ ސޮޔަކީ މުއިއްޒުގެ ސޮއި ނޫން ކަމަށް ސާބިތުކުރަން ހުށަހެޅި ތިން ހެކިން ވެސް ހިމެނެ އެވެ.މުއިއްޒުގެ މައްޗަށް ކޮށްފައިވާ އެ ދައުވާގެ އަދަބުގެ އާސާސީ މިންގަނޑެއްކަމަށް ވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް މުއިއްޒުގެ ކުށް ސާބިތުނުވުމުން، އެދައުވާ އިން ވަނީ ސަލާމަތްވެފައެވެ.







