ޤަވާއިދާ ޙިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން އިސްނަގައިގެން ފުލުހުންނާ އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ ޙާއްސަ އޮޕަރޭޝަންގައި މުޑުދާރުކޮށް ކާބޯތަކެތި ހަދައި ވިއްކުން ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާކަން ވަނީ ފާހަގަކުރެވިފައިކަމަށާއި އެ އޮޕަރޭޝަން ގެ ތެރެއިން އެފަދަތަންތަން ހޯދައި އެފަރާތްތައް ހުއްޓުވާނެކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާ ބައްދަލުކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އިމިގްރޭޝަނަށް ވަދެވުނު ބައެއް ތަންތަނުގައި އާދަޔާޙިލާފަށް ފުޅާ ދާއިރާއެއްގައި އެފަދަ ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ކުރަމުންގެންދާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެހެންކަމުން އެފަދަ ތަންތަން ހޯދައި އެކަން ހުއްޓުވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.ހޯމް މިނިސްޓަރީ އާއި ފުލުހުންނާ އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ ޙާއްސަ އޮޕަރެޝަނުގައި ބަލައި ފާސްކުރި ބައެއް ތަންތަނުން ވަނީ އާއްމުކޮށް ރީޓެއިލް ފިހާރަތަކުގައި ވިއްކަން ހުންނަ ބާވަތްތައް ކަމަށްވާ ފޯއްޕެކެޓާއި، ކިއްލިއާއި، ތެލުލި ފަތާއި، ކުދިގުޅައާއި ތެލުލި ބަޖިޔާ ފަދަ ބާވަތްތައް އުފައްދާ ތަންތަނުގެ ފޮޓޯތަކާއި ވީޑިއޯތައް އާއްމުކޮށްފައެވެ.
އިމިގްރޭޝަނުން އާއްމުކުރަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުން އެތަކެތި އުފައްދާ ތަންތަނަކީ ވަރަށް މުޑުދާރު ނަޖިސްތަންތަނެވެ. އަދި އެފަދަ ތަކެތި އުފަންދަން ބޭނުންކުރާ ތަކެއްޗަކީވެސް ވަރަށް މުޑުދާރު ތަކެތިކަން އެ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފާހަގަކުރެވެއެވެ.






