މާލެ: 31°C
މުއާމަލާތް ކުރުމުގައި ހުރިހާ އިދާރާއަކުންވެސް، ދިވެހިބަހަށް އިސްކަންދިނުމަށް ރައީސް ގޮވާލައްވައިފި

މުއާމަލާތް ކުރުމުގައި ހުރިހާ އިދާރާއަކުންވެސް، ދިވެހިބަހަށް އިސްކަންދިނުމަށް ރައީސް ގޮވާލައްވައިފި

April 14, 2024
3 ފަހަރު ބަލާފައި
މުއާމަލާތް ކުރުމުގައި ހުރިހާ އިދާރާއަކުންވެސް، ދިވެހިބަހަށް އިސްކަންދިނުމަށް ރައީސް ގޮވާލައްވައިފި
އޮފީސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކާއި، ތަޢުލީމާއި، މުޢާމަލާތުގެ ހުރިހައި ދާއިރާއަކުންވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. ރައިސުލްޖުމްހޫރިއްޔާ މިކަމަށް ގޮވައިލެއްވީ މިއަދު ފާހަގަ ކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ، ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރައްވަން ކަމަށެވެ. މިގޮތުން ދިވެހި ބަހުގެ ޢިލްމު އުނގެނުމަށް ބާރުއަޅުއްވައި އެމަނިކުފާނު އިލްތިމާސް ކުރެއްވީ، އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި، ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަށެވެ. ހަމަ އެއާއެކު، ދިވެއްސަކަށް ވީތީ ފަޚްރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ޤައުމު އަލިވިލޭން ޖާގަ ދެއްވުމަށް ކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ބަޔާން ކުރައްވާފައިވެއެވެ. ރައީސްގެ ހިތާބުގައި ވަނީ މި ސަރުކާރުން ފަށައިފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ ބޭނުމުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައިވެއެވެ. އަދި އެކަންކަމުން ލިބިގެންދާނެ ފައިދާތައް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. ދިވެހިބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނަށްކަން ބަޔާން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނުގެ ޙަޔާތްޕުޅުން ލިބިގެންދާ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން ދިވެހި ބަހުން ކިޔަވައިގެން ޢިލްމުވެރި ވެވިދާނެކަމާއި، އެހެން ބަސްބަހުގެ ޢިލްމުތައް ދިވެހި ވެށްޓަށް ގެނެވިދާނެކަމާއި، އަމިއްލަ މާދަރީ ބަހަށް މޮޅުވުމުން އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވެވޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ