މާލެ: 31°C
އެމްޓީސީސީގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޓީސީސީގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

April 2, 2024
3 ފަހަރު ބަލާފައި
އެމްޓީސީސީގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ 2 ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ބުނީ އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 23 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން companysecretary@mtcc.com.mv އަށް ފޯމް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅުއްވާ ފަރާތްތައް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިންގ އެންޑް ރެމިއުނެރޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އެމްޓީސީސީން ބުނީ އެ މަގާމަށް ނޮމިނޭޓްވާ ފަރާތްތަކުގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ ފަރާތްތަކުގެ މަޢުލޫމާތު، އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ. މި މަގާމަށް ޑިރެކްޓަރުން އިންތިހާބުކުރާނީ މިއަހަރު ބާއްވާ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކަމަށް ވެސް ބުނެފައިވެއެވެ. ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:
  • ކުންފުނީގެ ހިއްސާދާރެއްކަމުގައިވުން.
  • އުމުރުން 30 އަހަރު ފުރިފައިވުން.
  • ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުން.
  • ކުންފުނީގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތެއްކަމުގައިވުން.
  • ސާބިތު ދަރަންޏެއް އޮތް ފަރާތެއް ކަމުގައި ނުވުން.
  • ސީއެމްޑީއޭގެ "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތެއްކަމުގައިވުން.
  • ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަރސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 05 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން
އެމްޓީސީސީގެ ބޯޑުގައި 7 ޑިރެކްޓަރުން ތިއްބަވައެވެ. އެއީ ސަރުކާރުގެ ފަރާތުން 5 ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން އިންތިހާބުކުރާ 2 ޑިރެކްޓަރުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ