މާލެ: 31°C
މޫސުމީ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ: ނައިބް ރައީސް

މޫސުމީ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ: ނައިބް ރައީސް

January 20, 2024
3 ފަހަރު ބަލާފައި
މޫސުމީ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ: ނައިބް ރައީސް
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅައި ތަރައްގީވަމުން އަންނަ ގައުމުތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުންނެވެ. ނައިބް ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ވަކި ބައްރަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމަށާއި، ލިބިފައި ހުންނަ ވަސީލަތްތައް މަދުކަމާއެކު އޭގެ ގެއްލުންތަކާ އެންމެ ބޮޑަށް ކުރިމަތިލާންޖެހެނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކަމަށެވެ. އަދި މިހާރު ކުރިމަތިވަމުން އަންނަ އައު މައްސަލަތަކާ ކުރިމަތިލުމުގައި ނާމްއިން ގުޅުންތައް އިތުރަށް ވަރުގަދަކޮށް މަސައްކަތްކުރުމުގެ މުހިންމުކަމަށާއި، މުޅި ބައިނަލްއަގްވާމީ މުޖުތަމައާއި ތަފާތު ގައުމުތައް އެކުވެގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރާ ގޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން، އިންސާނުންނަށް ލިބިފައިވާ ކުރިއެރުންތަކެކޭ އެއްގޮތަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާ، ނައިބު ރައީސް ވިދާޅުވީ، އިންސާނުން ހޯދަމުންދާ ކުރިއެރުންތަކާއެކު ދުނިޔެއަށް އިތުރު ކުރިއެރުމާއި ފާގަތިކަން އަންނަމުންދާ ކަމަަށެވެ. ނަމަވެސް ހަނގުރާމަތަކާއި ކާރިސާތަކުގެ ސަބަބުން މުޖުތަމައުތައް ނުތަނަވަސްކަމާއި ބިރުވެރިކަމާ ކުރިމަތިލާންޖެހޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނައިބް ރައީސް އިތުރަށް ވިދާޅުވީ ޣައްޒާގައި އެތައްހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާހުރެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ އުދުވާންތައް ރާއްޖެއިން ކުށްވެރިކުރާކުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ. އެމަނިކުފާނު ވަނީ އދ. އާއި އދ. ގެ ސަލާމަތީ މަޖިލިސް އިސްލާހުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ބަދަހިކަމާއި ގުޅުމުގެ ތެރެއިން ސަލާމަތާއި ސުލްޙަ މަސަލަސްކަން ކަށަވަރުކުރުމާއެކު ފާގަތި މުސްތަޤްބަލަކަށް އަމާޒުކޮށް މަސައްކަތްކުރުމުގައި ނާމްގެ މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނައިބުގެ ވާހަކަފުޅުގައި، މާޔޫސްކަމުގެ ބަދަލުގައި އުންމީދު ގެނެސްދިނުމާއި، ހަނގުރާމަތަކުގެ ސަބަބުން ދުނިޔެއަށް ފެތުރެމުންދާ ބިރުވެރިކަމުގެ ބަދަލުގައި ސުލްޙަ ގެނެސްދިނުމާއި އަދި ނާޒުކު ޙާލަތްތަކުގެ ބަދަލުގައި ވިލުންތެރިކަން ފަތުރައިދިނުން ފަދަ ބަދަލުތައް ދުނިޔެއަށް ގެނައުމުގައި ހުއްޓުމެއްނެތި މަސައްކަތްކުރުމުގައި ނާމް ދެމިއޮންނަންޖެހޭކަންވެސް ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ