މާލެ: 31°C
މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް މުއިއްޒު އަށް ދައުވަތު އަރުވައިފި

މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް މުއިއްޒު އަށް ދައުވަތު އަރުވައިފި

June 6, 2024
3 ފަހަރު ބަލާފައި
މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް މުއިއްޒު އަށް ދައުވަތު އަރުވައިފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ. މޯދީ، ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ އާދިއްތަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާއިރު އެ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދައުވަތު ވަނީ ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، އަދި މޮރިޝަސްގެ ވެރިންނަށް އިންޑިއާ އިން ދީފައެވެ. އަދި ބައެއް ގައުމުތަކުގެ ވެރިން އެ ދައުވަތު ވަނީ ގަބޫލުކުރައްވާފައެވެ. އެ ދައުވަތު ރަސްމީކޮށް ގަބޫލު ކުރެއްވި ލީޑަރުންނަކީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ. މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުގެ ދައުވަތު ރައީސް ޑރ. މުއިއްޒު ގަބޫލު ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރަސްމީކޮށް އިންޑިއާ އިން މިހާރު ވަނީ އަރުވާފައެވެ. ބޮޑުވަޒީރުކަމުގެ މަގާމަށް މޯދީ، އަލުން އިންތިހާބުވުމާއި ގުޅިގެން އެންމެ ފުރަތަމަ މަރުހަބާގެ މެސެޖު ފޮނުއްވި ގައުމުތަކުގެ ލީޑަރުންގެ ތެރޭގައި ވެސް ރައީސް ޑރ. މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. މޯދީއަށް މަރުހަބާ ވިދާޅުވެ ރައީސް އެކްސް ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ތަރައްގީ އާއި ހަމަޖެހުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެ ޕޯސްޓަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ އަގުހުރި ބައިވެރިޔާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ގުޅުން ބަދަހި ވާން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެން މޯދީ ވިދާޅުވީ، ކުރިއަށް އޮތް ދައުރަކީ އިގްތިސާދާއި ޓެކްނޮލޮޖީ އަދި އީޖާދީ ދާއިރާއިން ގިނަގުނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ދައުރެއް ކަމަށާއި، މި ގޮތުން, އިލެކްޓްރޯނިކްސާއި, ސެމީކޮންޑަކްޓަރސް އުފެއްދުމުގެ ސިނާއަތުގެ އިތުރުން ދިފާއީ އަދި އަސްކަރީ ދާއިރާ އިތުރަށް ފުޅާ ކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އުމުރުފުޅުން 73 އަހަރުގެ މޯދީ އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތީ 2014ވަނަ އަހަރުއެވެ. މޯދީއަކީ, އިންޑިޔާއަށް މިިނިވަން ހޯއްދަވައިދެއްވި ބާނީ ޖަވާހަރްލާލް ނެހްރޫއަށް ފަހު ވިދިވިދިގެން ތިންވަނަ ފަހަރަކަށް ބޮޑު ވަޒީރުކަން ކުރައްވާ ބޭފުޅާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ