މާލެ: 31°C
މޯދީއަށް މަލާމާތްރައްދުވާގޮތަށް ޕޯސްޓްކުރި ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކޮށްފި

މޯދީއަށް މަލާމާތްރައްދުވާގޮތަށް ޕޯސްޓްކުރި ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކޮށްފި

January 7, 2024
4 ފަހަރު ބަލާފައި
މޯދީއަށް މަލާމާތްރައްދުވާގޮތަށް ޕޯސްޓްކުރި ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކޮށްފި
އަވަށްޓެރި އިންޑިއާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތް ރައްދުވާގޮތަށް ޑެޕިއުޓީ މިނިސްޓަރުންތަކެއް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓުތަކާ ގުޅިގެން، އެ ބޭފުޅުން މިއަދު ސަސްޕެންޑުކޮށްފިއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި މޯދީއާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާތީ ސަސްޕެންޑް ކުރީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އެވެ. އިންޑިއާއިން، އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާ އެކު، މީސްމީޑިއާގައި ބައެއް ދިވެހީންނާއި އިންޑިއާ މީހުން އަންނަނީ އަރައިރުންވަމުންނެވެ. އެގޮތުން ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ މޯދީގެ އިސްތިހާރަށް ފާޑުކިޔާ ރިޕޯސްޓް ކޮށްފައެވެ. އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އަންނަނީ ކެމްޕެއިނެއް ކުރަމުންނެވެ. އެ މައްސަލަގަނޑު އުފެދުނީ ލަކްޝަދީޕް ޕްރޮމޯޓުކޮށް މޯދީ އެކްސްގައި ޕޯސްޓެއް ކުރުމުން އެކަމާ ދެކޮޅަށް، މިއަދު ސަސްޕެންޑު ކުރި ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށުމުންނެވެ. މި ތިން ބޭފުޅުން ސަސްޕެންޓް ކުރި ނަމަވެސް ރަސްމީ ފަރާތަކުން އަދި އެކަން ޔަގީންކޮށެެއްނުދެއެވެ. އެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ، ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިއާގައި އިންޑިއާއާ ގުޅޭ ގޮތުން ހާމަކޮށްފައި ވަނީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމަށެވެ. އަދި، އެއީ އެ ބޭބޭފުޅުންގެ އަމިއްލަ ހިޔާލާއި ވިސްނުންފުޅު ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ