މާލެ: 31°C
އެމްއެންޑީއެފްގެ 2022 އަހަރުގެ މާލީ މުއާމަލާތްތައް ކޮށްފައިވަނީ، އުސޫލުގެ ތެރެއިން: އޮޑިޓް ރިޕޯޓް

އެމްއެންޑީއެފްގެ 2022 އަހަރުގެ މާލީ މުއާމަލާތްތައް ކޮށްފައިވަނީ، އުސޫލުގެ ތެރެއިން: އޮޑިޓް ރިޕޯޓް

March 20, 2024
3 ފަހަރު ބަލާފައި
އެމްއެންޑީއެފްގެ 2022 އަހަރުގެ މާލީ މުއާމަލާތްތައް ކޮށްފައިވަނީ، އުސޫލުގެ ތެރެއިން: އޮޑިޓް ރިޕޯޓް
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ 2022 ވަނަ އަހަރުގެ މާލީ މުއާމަލާތްތައް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، މާލިއްޔަތު ޤަވައިދާ އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ. އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ ޤައުމީ ދިފާއީބާރުގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 2022 ވަނަ މާލީ އަހަރުގެ ހަރަދުތައް ކޮށްފައިވަނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެ މުއައްސަސާއަށް ފާސްކޮށްދެއްވި ބަޖެޓުގެ މަގްސަދުތައް ހާސިލްވާގޮތަށް، އެ ބަޖެޓްގައި ކަނޑައަޅާފައިވާ ކަންތައްތައް، ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށް މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ތެރެއިންކަމަށެވެ. ރައްޔިތުންގެ މަޖިލީހުން 2022 ވަނަ އަހަރު އެމްއެންޑީއެފަށް ފާސްކޮށްދީފައިވަނީ 1.51 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ އަހަރު ނިމުނުއިރު ބަޖެޓުގެ ތެރެއިން ހަރަދުކޮށްފައިވަނީ 1.50 ބިލިއަން ރުފިޔާއެވެ. އެމްއެންޑީއެފްގެ 2022 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު، އެންމެބޮޑު ހަރަދެއް ހިނގާފައިވަނީ މުއައްޒަފުންގެ ހަރަދަށެވެ. އެއީ 920 މިލިއަން ރުފިޔާއެވެ. އެމްއެންޑިއެފްގެ 2022 އަހަރުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، އެ އިދާރާއިން ކުރި ހަރަދުތަކުގެ ތެރެއިން ފައިސާ ނުދައްކައި ހުރި ބިލްތަކުގެ ޖުމްލަ އަދަދު 47.7 މިލިއަން ރުފިޔާއަށް އަރައެވެ. ނުދައްކައި ހުރި ބިލްތަކުގެ ތެރޭގައި:
  • އިންޖީނުތަކަށް ތެޔޮ އަޅާފައި ނުދައްކާހުރި ފައިސާ: 12.9 މިލިއަން ރުފިޔާ
  • އޮފީހުގައި އުޅޭވަގުތު ދޭ ކެއުމާ ސަޔަށްވާ ފައިސާ: 11.7 މިލިއަން ރުފިޔާ
  • ހިދުމަތުގައި އުޅެނިކޮށް ބަލިވާ މީހުންނަށް ބޭސްކުރުން: 9 މިލިއަން ރުފިޔާ
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ މިދިޔަ އަހަރުތަކުގެ އެމްއެންޑީއެފްގެ އޮޑިޓް ރިޕޯޓްތަކަށް ބަލާއިރު، އެ އިދާރާއަކީ މާލިއްޔަތު ޤާނޫނާއި ޤަވައިދުގެ ތެރެއިން ހަރަދުތައް ކުރަމުންދާ މުއައްސަސާއެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ކޮވިޑް ދުވަސްވަރު ހަރަދުތައް ކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ހިޔާނާތުގެ މައްސަލަތައް ފާހަގަވިނަމަވެސް، ކޮވިޑް-19 އާއި ގުޅުން ހުރި ޚަރަދުތައް އެމްއެންޑީއެފުން ކޮށްފައިވާލެއް ފުރިހަމަކަމުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ