މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުން ރަޝިއާ ބާއްވާ ގައި ވިޒިޓް މޯލްޑިވްސް ވީކް ފަށައިފި އެވެ.
ރަޝީއާގެ ބޮޑު ތިން ސިޓީއެއްގައި ކުރިއަށް ގެންދާ ގޮތަށް އެމްއެމްޕީއާރުސީން އިންތިޒާމްކުރާ މި ރޯޑްޝޯގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހިމެނޭ 21 ކުންފުންޏަކުން 15 މަންދޫބުން ބައިވެރިވެ އެވެ.
ހަފްތާއެއްގެ މުއްދަތަށް ބާއްވާ މި ރޯޑު ޝޯ މިމަހުގެ 3 ވަނަ ދުވަހު ފަށާފައިވަނީ ސެއިންޓް ޕީޓާސްބާގްގަ އިންނެވެ. އެއަށްފަހު މިހާރު ޝޯ ކުރިއަށްދަނީ މޮސްކޯގައެވެ. އެއަށްފަހު ހުކުރު ދުވަހު އެ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޓިއުމިންގައި ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދީފައިވެއެވެ.
ރަޝިއާ އަކީ މިހާރު 2 ވަނައަށް އެއްމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަމުންދާ ގައުމެވެ. އެގޮތުން މިއަހަރު މިހާތަނަށް ރަޝިއާއިން 24000 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ.
ވިޒިޓް މޯލްޑިވްސް ވީކް ރޯޑްޝޯ އަކީ އެމްއެމްޕީއާރުސީން މުޅި އަހަރަށް ބަހާލައިގެން ދުނިޔޭގެ ބޮޑެތި އަދި ކުރިއަރަމުން އަންނަ ޓޫރިޒަމް ގެ މާކެޓްތަކަށް ހާއްސަކޮށްގެން ބާއްވާ ޕްރޮމޯޝަނަލް ކެމްޕޭނެކެވެ.







