މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ 2025 ވަނަ އަހަރުގެ ފުރަތަމަ ބޯޑުގެ ބައްދަލުވުން އއ. އުކުޅަހުގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އަދި ޗެއާމަން އަބްދުﷲ އިޔާސް ރިޔާޒް އާއި ބޯޑު ޑިރެކްޓަރުން ވަނީ އުކުޅަހަށް ގޮސްފައެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ އުކުޅަސް ކޮންވެންޝަން ސެންޓަރުގައެވެ. އުކުޅަހުގެ ކައުންސިލުން ވަނީ އެމްއެމްޕީއާރްސީގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ދަތުރުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ބޯޑު ޑިރެކްޓަރުން އެރަށުގެ ކައުންސިލްއާއި އަދި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.
އުކުޅަހަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ރަށެއްކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުތުން މި ބައްދަލުވުން އުކުޅަހުގައި ބޭއްވުމުގެ މަގްސަދަކީ ލޯކަލް ޓުއަރިޒަމް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭކަން ހާމަކޮށްދިނުމާއި، އެމްއެމްޕީއާރްސީ އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ ފަރާތްތަކީ އެކުވެސް މަސައްކަތް ކުރުމަށް ތައްޔާރުކަން ހާމަކުރުން ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމާއި ގުޅޭ މަސައްކަތްތަކެއް ކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކުންފުންޏެކެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.







