މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ޑެޕިއުޓީ ގަވަރުނަރު މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލިހުން ފެށިއިރު، އެމްއެމްއޭއިން ހުޅުމާލޭން ދެ ބިމެއް ގަންނަން އުޅޭ ކަމަށް ފެންމަތިވެފައިވާ މައްސަލަ އާ ގުޅިގެން އެ ބޭންކުގެ ބޯޑުގައި ތިއްބަވާ ދެ މެމްބަރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރައްވަމުން ގެންދެވި އަހްމަދު ޒަޔާން މުހައްމަދު ވަނީ ބޯޑު މެމްބަރު ކަމުން އިއްޔެ އިސްތިއުފާ ދެއްވާފަ އެވެ. ޒަޔާނަކީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑެވެ. މައުލޫމާތު ލިބޭ ގޮތުން އޭނާ ވަނީ އެ މަގާމުން ވެސް އިސްތިއުފާ ދެއްވަން ނިންމަވައި އެކަމަށް އެދި ހުށަހަޅުއްވާފަ އެވެ.
އެމްއެމްއޭގެ ބޯޑުން ޒަޔާން އިސްތިއުފާ ދެއްވާފައިވަނިކޮށް، އެ ބޯޑުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އިންނަވާ ޝުހާދު އިބްރާހިމް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ކަމާ ގުޅިގެން އެމްއެމްއޭއިންނާއި ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރުމުގެ މައްސަލަ ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.
މާލިއްޔަތު ކޮމިޓީއަށް ލަތީފް ފޮނުއްވި ސިޓީ ކޮމިޓީގެ އިދާރީ މޭޒުން އިއްވާފަ އެވެ. އެ ސިޓީގައި ބުނީ އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ މައިގަނޑު މަގުސަދުތަކާ އެއްގޮތަށް ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދިއްދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ސިޓީގައިވާ ގޮތަށް އިމާދު މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަބްދުﷲ ޝަރީފެވެ.
އެމްއެމްއޭގެ ބޯޑުގައި ޑެޕިއުޓީ ގަވަރުނަރު އިމާދު ވެސް އިންނަވަ އެވެ. ޒަޔާނާއި ޝުހާދުގެ އިތުރުން އެ ބޯޑުގައި ދެން ތިއްބަވަނީ ގަވަރުނަރު އަހްމަދު މުނައްވަރާއި އެމްއެމްއޭގެ އެޑްވައިޒަރު އިދުހާމް ހުސައިން އަދި ޕްރައިވެޓް ސެކްޓަ ތަމްސީލު ކުރައްވާ ދެ މެމްބަރުން ކަަމަށްވާ މަހްޒޫމް ސަލީމް އަދި ފާތިމަތު ޝަފީގާ އެވެ.







